އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފިއެވެ.
އަލަށް މި ފެށުނު ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް މަސައްކަތްކުރެވިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށާއި އެހެންކަމުން އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް ސާޖިން ވިދާޅުވި އެވެ. އަދޮ އުރީދޫއާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތަށް ފަށައިގަތުމަށް ތައްޔާރަށް ހުރިކަމަށްވެސް ސާޖިން ވިދާޅުވިއެވެ.
ގއ.ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ ސާޖިން ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުތުމާއެކު، މަސްވެރިކަމުގެ ދާއިރާއަކީ ރަނގަޅު އާމްދަނީއަކާއެކު އުޖާލާ ކުރިމަގެއް ބިނާ ކުރެވިދާނެ ދާއިރރާއެއްކަން އިހުސާސްކުރެވުނެވެ. ސާޖިންގެ އަޒުމަކަށްވީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށެވެ. އެގޮތުން މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިންވަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓަރކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށްވެސް ސާޖިންދަނީ މަސައްކަތްކުރަމުންނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ.
މީގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާއި ގުޅިގެން މަސްދޯނިފަހަރުތަކަށްވަނީ މޮބައިލް ސެޓަލައިޓްގެ ޚިދުމަތްފޯރުކޮށްދީފައެވެ. 2019 ވަނަ އަހަރު އެކުންފުނިންވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ޚާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. އުރީދޫގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައިވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރ އާއި އެހެނިހެން ޕާރޓްނަރުންނާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމެވެ.