ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކުން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މުސާރަތައް ކުޑަ ކުރަން ކުރިން ކަނޑައެޅި މުއްދަތު ހަމަވާތީ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް، ކުރިން އުނި ކުރަން ނިންމާފައިވާ މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަތަކުން 20 ޕަސެންޓް ކުޑަކުރަން މަޖިލީހުން ކުރިން އޮތީ ފާސްކޮށްފަ އެވެ. އެކަމަކު އޭރު އެ މުސާރަތައް ކުޑަކުރީ ދެ މަހަށެވެ.
އެގޮތުން ކޮމިޓީން ނިންމީ 20،000ރ. އިން 30،000ރ. އާ ދެމެދުގެ މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކުޑަ ކުރުމުގެ އިތުރުން 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި މި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ އާންމު އުސޫލުން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމެއް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު ކުރިމަތިވެފައި އޮތީ ވަރަށް ޚާއްސަ ހާލަތެއް ކަމަށްވާތީ އާއި އިތުރު އެތައް މުސާރަތަކެއް ކުޑަ ކުރަމުންދާތީ މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.