ވޯލްޑް ހެލްތު އެސެމްބްލީގެ 73 ވަނަ ބައްދަލުވުން މިއަދު ފަށައިފި އެވެ.
މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި ކޯވިޑް-19 އާ ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިރާކޮޅުގެ ވަގުތެއްގައި ވަރޗުއަލްކޮށްވަނީ ތަޤްރީރުކުރައްވާފަ އެވެ. މިއަހަރުގެ ބައްދަލުވުމުގައި ޤައުމުތަކުގެ ވަޒީރުންނާއި ދައުވަތު އެރުވިގެން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން ތަގްރީރުކުރައްވާނީ "ކޯވިޑް-19 ރެސްޕޯންސް"އާ ބެހޭގޮތުންނެވެ.
ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ މިބައްދަލުވުމަކީ ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. އަދި މީގެކުރިން މިބައްދަލުވުމަކީ ސްވިޒަރލޭންޑްގެ ޖެނީވާ ކޮންމެ އަހަރަކުވެސް ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. ނަމަވެސް މިއަހަރުގެ ބައްދަލުވުން ކުރިއަށް ދާނީ އެހެން އަހަރު ތަކާއި ހިލާފަށް މި މަހު 18 ން 19 އަށް ތިން ސެގްމަންޓް އަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެމްބަރު ގައުމުތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަހަރުގެ ބައްދަލުވުން ނިމިގެންދާނީ ކޯވިޑް-19އާ ގުޅޭގޮތުން ސިއްޙަތާބެހޭ ވަޒީރުން އެއްބަސްވާ އެއްބަސްވުމެއް އެންޑޯޒް ކުރުމަށްފަހުއެވެ. އަދި މިއަހަރުގެ ފަހުކޮޅު ޖެނީވާގައި މިބައްދަލުވުން ބޭއްވުމަށް ނިންމާ ތާރީހެއްވެސް ބައްދަލުވުން ނިމުމުގެ ކުރިން ކަނޑައަޅާނެއެވެ.