ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ހަރަދުތަކާއި ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކޮށްފައިވާ ހަރަދުތަކުގެ ފައިނޭންޝަލް އޮޑިޓްތައ 45 ދުވަހުގެ ތެރޭގައި ނިންމައި ފޮނުވަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވީ ކޮވިޑް-19 ގެ ކަންކަމަށް ދައުލަތުގެ އެކި އިދާރާތަކުން މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްއަށް އެންގުމަށެވެ.
ޔައުގޫބްގެ ހުށަހެޅުއްވުމާ އެއް ގޮތަށް ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުއްވުން ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
އެގޮތުން އަންގާތާ 45 ދުވަހުގެ ތެރޭގައި އޮޑިޓްތަކުގެ މަސައްކަތް ނިންމައި މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވި އެވެ. މިހާތަނަށް ކޮވިޑްގެ ކަންކަމަށް ކޮށްފައިވާ ހަރަދުތަކާ ގުޅޭ އޮޑިޓްތައް 45 ދުވަހުގެ ތެރޭގައި ފޮނުވަން މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ކޮވިޑާ ގުޅިގެން ކުރަމުންދާ ހަރަދުތަކުގެ އޮޑިޓެއް ކޮންމެ ކުއާޓަރަކު އެއް ފަހަރު ހެދުމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފަ އެވެ.
އެއީ ކޮވިޑްގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައިވާ ހުށަހެޅުންތަކަށް އީވާ ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.