twitterviber whatsapp telegramfacebookyoutube instagram
27th April 2025

ގާޒީންގެ މުސާރަ ވެސް ކުޑަކުރަން ނިންމައިފި

May 19, 2020
1

މެޖިސްޓްރޭޓް ކޯޓުތަކުގެ އާންމު މެޖިސްޓްރޭޓުން ފިޔަވައި ޝަރުއީ ކޯޓުތަކުގެ ހުރިހާ ގާޒީންގެ މުސާރަ ވެސް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މިގޮތަށް ނިންމާފައިވަނޯ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތު ދަށްވާނެތީ އެވެ.

އެގޮތުން 20،000 އަށް ވުރެ މަތީ މުސާރައެއް ލިބޭ ހުރިހާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ. އެއީ 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށެވެ. 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުރުމަށެވެ.

ނަމަވެސް އެ ގޮތަށް އޮތުމުން ޝަރުއީ ކޯޓުތަކުގެ މަތީ ރޭންކްގެ ބައެއް ފަނޑިޔާރުންނާއި ގާޒީންނަށްވުރެ ދަށް ރޭންކްގެ ބައެއް ގާޒީންގެ މުސާރަ މަތިވެ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓާއި ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީންގެ މުސާރައާ ގުޅޭ ގޮތުން ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7،100 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،300 ރުފިޔާ އުނިކުރާނެ އެވެ. ޑްރަގް ކޯޓުގެ އިސް ގާޒީގެ މުސާރައިން 8،600 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7،800 ރުފިޔާ އުނިކުރަން ފާސްކުރި އެވެ.

ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އުނިކުރާނެ އެވެ. އެ ދެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން އުނިކުރަން ފާސްކުރީ 6،150 ރުފިޔާ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6،950 ރުފިޔާ އަދި އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 6،650 ރުފިޔާ އުނިކުރަން ފާސްކުރި އެވެ.

ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 4،500 ރުފިޔާ އަދި ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2،150 ރުފިޔާ އުނިކުރަން ކޮމިޓީން ފާސްކުރި އެވެ. ކޮމިޓީން ނިންމާފައި ވަނީ އެހެން މެޖިސްޓްރޭޓުން މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުރުން ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަތައް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com