twitterviber whatsapp telegramfacebookyoutube instagram
16th April 2024

އިއްބެއާއެކު ރެޑްކްރެސެންޓްގެ ޒުވާން ދަރުމަވެރިންގެ ޓީމެއް، ހިތްވަރަށް ސާބަސް!

އަބްދުލް ވާހިދު ޙަސަން
May 22, 2020
2

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި އުފެއްދި ކޮވިޑް-19 ގެ ޓާސްކް ފޯސްގެ އިސްވެރިންގެ ބައްދަލުވުންތަކުން ފެނުނު އެންމެ ޒުވާން މޫނަކީ، އިބުރާހިމް މުހައްމަދު (20އ) އެވެ. މުވައްސަސާތަކުގެ ވެރިން ހިމެނޭ އެ ބައްދަލުވުންތަކުގައި އިއްބެ ތަމްސީލްކުރަނީ ދިވެހި ރެޑް ކުރެސެންޓެވެ. ހދ ގޮފީގެ ޕްރޮގުރާމް އޮފިސަރެއްގެ ގޮތުގައި އިއްބެ ދިޔައީ އެ ހުރިހާ ބައްދަލުވުންތަކުގައި ބައިވެރިވެ ރެޑް ކުރެސެންޓްގެ ފަރާތުން ކޮށްދެވޭ ކަންތައްތަކާއި ހިޔާލާއި މަޝްވަރާ އަރުވަމުންނެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް މިއަދާ ހަމައަށްވެސް އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި އިއްބެއާ އޭނާ ޓީމު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ އިއްބެ ކޭއޯއަށް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމައަށްވެސް މިހާ ސާބިތުކާއެކު ހުރެވެނީ އޭނާއާއެކު މަސައްކަތްކުރާ ދަރުމަވެރިންގެ ހިތްވަރާއި އިންސާނިއްޔަތަށް ހިދުމަތްކުރަން ހުންނަ ޝައުގުވެރިކަމެއް ބޮޑު ކަމުން ކަމަށެވެ.

" މަސައްކަތްކުރަނީ ޓީމެއްގެ ގޮތަށް، އިންސާނީ ހިދުމަތް ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެންގެ އެންމެ އިސް އެއް ވާޖިބު." އިއްބެ ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މުޅި ރާއްޖެ ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް މަނާކުރި އެވެ. އެއާއެކު ހުރިހާ ރަށެއްގައިވެސް ބަނދަރުގައި ސެކިއުރިޓީ ޑެސްކް ބަހައްޓާ ފޯރި މަރަން ފެށި އެވެ. އެކަމަކު އެހެން ގިނަ ރަށްތަކާއި ހިލާފަށް ކުޅުދުއްފުއްޓަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު އަރައި ފައިބާ ރަށަށްވުމުން ގޮންޖެހުންތައް ކުރިމަތިވި އެވެ. ބޭސްފަރުވާއަށާއި ވިޔަފާރިއާއި ޒަރޫރީ އެހެނިހެން ހިދުމަތްތައް ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުޅުދުއްފުއްޓަށް ޖެހުނެވެ. އެހެންވުމުން އެ މަސައްކަތަށް މީހުން ބޭނުންވި އެވެ. 24 ގަޑިއިރު ހިދުމަތްދިނުމަށެވެ.

ސަރުކާރު ބަންދުކޮށްފައި އޮތް އެ ދަނޑިވަޅުގައި މުވައްޒަފުން މަސައްކަތަށް ނެރުމަކީ ބޮޑު މުސީބާތެއް ކަހަލަ ކަމެއްކަން އެންމެންވެސް ދަންނާނެ އެވެ. އެ ދަތިވަގުތުގައި އިއްބެއާ އޭނާގެ ޓީމުން ނެރުނީ އާދަޔާ ހިލާފު ހިތްވަރެކެވެ. މުވައްޒަފުން ނެތްކަމުގެ އިހްސާސް ކުޑަކޮށް އެކަން ފޫބެއްދީ އެ ހިތްވަރުގަދަ ދަރުމަވެރިންގެ ޓީމެވެ.

އިއްބެ ވިދާޅުވީ، ކުޅުދުއްފުށީ ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ކައުންސިލް އިދާރާގައި ކުރިއަށްދިޔައިރު ސޯޝަލް ސަޕޯޓް ޑެސްކުގައި ދަރުމަވެރިން ހަރަކާތްތެރިވަމުން ދިޔަކަމަށެވެ. ޓާސްކް ފޯސްގެ ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި އެނޫންވެސް އެކި ތަންތަނުގައި ދަރުމަވެރިން މަސައްކަތްކުރަމުންނެވެ. ހިލޭ ސާބަހަށް އެއްވެސް ޝަކުވާއެއް އުޒުރެ ނެތި ދަރުމަވެރިން އެގެންދަނީ ގައުމީ ވާޖިބު އަދާކުރަމުންނެވެ. އިންސާނިއްޔަތުގެ ނަމޫނާ ދައްކަމުންނެވެ. އިއްބެގެ ޓީމުގައި މިވަގުތު މަސައްކަތް ކުރަނީ އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންނެވެ.

ޓާސްކް ފޯސްގެ ތެރެއިން ކައުންސިލުން ގިނަ މަސައްކަތެއްކުރަމުން އެބަދެ އެވެ. އެގޮތުން އެއްކަމަކީ އެހީތެރިކަމަށް ބޭނުންވާ އާއިލާތަކުގެ ހާލަތު ބަލައި ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަމަށް ބޭނުންވާ އާއިލާތަކާއި ބިދޭސީން ދެނެގަތުމުގެ މަސައްކަތެވެ. އިއްބެ ވިދާޅުވީ، މިކަމުގައިވެސް ކައުންސިލާއެކު ދަރުމަވެރިން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ހާލުގައި ޖެހުނު މީހުން ދެނެގަތުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ދަރުމަވެރިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އިއްބެ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރެޑްކުރެސެންޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަމުގައި މުޅިން އަލަށްވެސް ޒުވާނުން ރެޑް ކުރެސެންޓާ ގުޅިފައިވާ ކަމަށެވެ. އަދި މިހާރުވެސް ގުޅުމުގެ ފުރުސަތު އެބައޮތްކަމަށާ އިންސާނީ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދިނުމުގައި ރެޑްކުރެންސެންޓް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355