twitterviber whatsapp telegramfacebookyoutube instagram
16th April 2024

އޮކްޓޯބަރުގައި އިގްދިސާދީ ހަރަކާތްތައް ފެށޭވަރުވާނެ

May 19, 2020

އޮކްޓޫބަރު މަހުގެ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފެށޭވަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ ހާލަތާ ގުޅޭ ގޮތުން ކޮމަންވެލްތުން ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސްގައި މިނިސްޓަރު އަލީ ވިދާޅުވީ އޮކްޓޫބަރުން ފެށިގެން އިގްތިސާދު ރަނގަޅުވާން ފަށާނެ ކަމަށާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ހާލަތަށް ބަލާ އިރު އިގްތިސާދީ ހާލަތުން އަރައިގަތުމުގައި ރާއްޖެ އިން ފެންނާނީ "ޔޫ ކާވް ރީބައުންޑް" އެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެންމެ ރަނގަޅު ހާލަތުގައި އަންނަ ޖުލައި މަހުގައި ޓޫރިސްޓުންނަށް ގައުމު ހުޅުވައިލަން ނިންމާފައިވާ ކަމަށާއި އަދި ދެވަނަ އަށް އެންމެ ރަނގަޅު ހާލަތުގައި އޮކްޓޫބަރުގައި ގައުމު ހުޅުވައިލުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަނީ ޖުލައި އާއި އޮކްޓޫބަރާ ދެމެދުގެ ޓޫރިޒަމަށް ގައުމު ހުޅުވައިލުމަށެވެ.

ރާއްޖޭގެ ބޯޑަރާއި އެއާޕޯޓުތައް ހުޅުވާލުމުގައި ވެސް ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށާއި ކޮރޯނާ ވައިރަހާ ހެދި އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި ވައިރަހާ ކުރިމަތިލައި އިގްތިސާދު ކޮޅަށް ޖެއްސޭނެ ގޮތްތައް އަވަހަށް ރާވަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމަށްޓަކައި ސަރަހައްދީ ގައުމުތަކާއި ބޮޑެތި ގައުމުތަކުން އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި އަލުން އިގްތިސާދު ފަށައިގަންނަ އިރު ދިވެހިންގެ ބައިވެރިވުން މުޅި ދާއިރާގައި އޮތް މިންވަރު އިތުރު ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސުމަށްޓަކައި ޓޫރިޒަމް ދާއިރާ ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި އެގޮތުން ލޮކްޑައުންއަށް ފަހު ކަންކަން ރާވާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަން ފަށަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355