- މިހާރު އެ މީހުން ގެނައުން އޮތީ މަޑުޖައްސާލާފައި
- އެއީ ބޯހިޔާވަހިކަމުގެ މަޝްއޫރުއެއް މަސައްކަތަށް ގެންނަ ބައެއް
ސިނަމެން ދޮންވެލި ރިސޯޓްގައި ތިބި ބިދޭސީ މަސައްކަތް ތެރިންތަކެއް ކުޅުދުއްފުށީގައި ކުރިއަށްދާ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ރަށަށް އައުމުގެ ހުއްދަ ދީފައިވަނީ މާލޭގައި ޤާއިމްކޮށްފައިވާ ނެޝަނަލް އެމަރޖެންސީ އޮޕެރޭޝަން ސެންޓަރާއި އެޗް.ޕީ.އޭއިން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސަރަހައްދުގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިންތަކެއް ޓާސްކް ފޯސް އިން ހުއްދަ ދީގެން ގެންނަކަމަށް ބުނެ ބަޔަކު ވަނީ ރަށުތެރޭގައި އަޑުފަތުރާފައި އެވެ.
އެކަން ދޮގުކޮށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، މާލެ ސަރަހައްދުގައި ތިބި ބަޔަކު ގެންނަން ޓާސްކް ފޯސް އިން އަދި ކައުންސިލުންވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި އެއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނެތި ނޫނީ ނުވާނެ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހައުންސިންގ ޕްރޮޖެކްޓެއްގެ މަސައްކަތެއްކުރުމަށް، ސިނަމަން ދޮންވެލި ރިސޯޓްގައި ތިބި ބިދޭސީންތަކެއް ގެންނަން އެ މަޝްރޫއު ހިންގައި ކުންފުނިން މަސައްކަތް ކުރާކަމަށާއި އެކަން އެ ފަރާތުން ކޮށްފައިވަނީ އުސޫލުތަކުގެ ތެރެއިން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައާއެކު ކަމަށް ލަތީފް ވިދާޅުވި އެވެ
"އަޅުގަނޑުމެން އެދިފައިވާނީ އެ ބިދޭސީންނަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުންތައް ހަމަ ބައެއް ތޯ އާއި އަދި އެ މީހުން ގެނެސް ގެންގުޅެންވާނީ ތޮށްނުޖައްސަކަން ކަށަވަރުކޮށްދިނުމަށް" ކައުންސިލްގެ ރައީސް ލަތީފް ވިދާޅުވި އެވެ.
ބިދޭސީ މަސައްކަތްތެރިން އައުމުގެ ހުއްދަ އެޗްޕީއޭ އިން ދިން ކަމުގައިވިޔަސް އިތުރު ކަންތައްތައް ފުރިހަމަ ކުރަންޖެހޭ ކަމަށް ޓާސްކް ފޯސްގެ ފަރާތުން ވަނީ ޕްރޮޖެކްޓް މަސައްކަތް ކުރާ ކުންފުންޏަށް ދުރާލާ އަންގާފައެވެ.
ލަތީފް ވިދާޅުވީ، އެކަމަކު މިހާރު އެމީހުން ގެނައުން އެ ކުންފުނިން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ތެރެއިން އެފަދަ މުހިންމު ޕްރޮޖެކްޓްތައް ހިންގުމަށް އެޗްޕީއޭ ގެ ހުއްދަ ތަކާއެކު ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އަންނަ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި އާންމުގެ ތެރެއިންވެސް އެޗްޕީއޭގެ ހުއްދައާއެކު އަންނަ ފަރާތްތައް މިހާރުވެސް ރަށަށް އަރުވަމުންދާ ކަމަށާއި އެގޮތުން 63 އަށްވުރެ ގިނަ މީހުން މިހާރުވެސް ރަށަށް އަރުވާފައިވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓް އަދި ސަފާރީތަކުން ވަކި ކަންތައްތަކަކާއި މުއްދަތެއް ފުރިހަމަ ކުރުމަށްފަހު އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތައް އެތަން ތަނުގައި ތާށިވެފައި ތިބި މަސައްކަތްތެރިން ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭ އިން އަންނަނީ ދެމުންނެވެ.