twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފާއިތުވި ދެ އަހަރާއި އަޅާބަލާއިރު މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މަދު

- މިއަހަރު ފަގީރުންގެ އަދަދު ވަނީ އިތުރުވެފައި
- ކުޅުދުއްފުށީގައި ބޮލަކަށް ބަހާނީ 560 ރުފިޔާގެ މަގުން

އަބްދުލް ވާހިދު ޙަސަން
May 20, 2020

މިދިޔަ ދެ އަހަރާއި އަޅާބަލާއި މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށި ކައުންސިލަށް ލިބުނު އަދަދު މަދުވެއްޖެ އެވެ. ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު ހަމަވިއިރު ޒަކާތުގެ ގޮތުގައި ކައުންސިލަށް ދައްކާފައިވަނީ 136،265 ރުފިޔާ އެވެ.

2018 ވަނަ ފިތުރު ޒަކާތުގެ ގޮތުގައި ކައުންސިލަށް ލިބިފައިވަނީ 140،196 ރުފިޔާ އެވެ. 2019 ވަނަ އަހަރު ލިބިފައިވަނީ 146،370 ރުފިޔާ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ، ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މަދުވުމަކީ ޒަކާތް ދެއްކި މީހުންގެ އަދަދު މަދުވެގެންވީކަމެއްކަން ނުބެލެވޭ ކަމަށެވެ.

ލަތީފް ވިދާޅުވީ، އެހެން އެ ދިމާވަނީ ފަހަކަށް އައިސް ގިނަ ބަޔަކު ޒަކާތް ދައްކަނީ މުވާސަލާތީ ކުންފުނިތައް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވާތީކަމަށް ބެލެވޭކަމަށެވެ. ލަތީފް ވިދާޅުވީ ކައުންސިލްތަކަށް ޒަކާތުގެ ފައިސާ ލިބޭނީ އެކައުންސިލަށް ދައްކާ ޒަކާތުން ކަމަށާއި އެރަށެއްގެ ފަގީރުންނަށް ބަހަން ލިބޭނީވެސް އެ ފައިސާ ކަމަށެވެ.

އޮންލައިންކޮށް ޒަކާތް ދައްކާއިރު ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކުރާ ފައިސާގެ ފިޔަވައި މުވާސަލާތީ ކުންފުނިތައް މެދުވެރިކޮށްނާއި އެހެނިހެން ގޮތްގޮތުން ދައްކާ ޒަކާތުގެ ފައިސާ ލިބޭނީ އިސްލާމިކް މިނިސްޓްރީއަށެވެ. އެ ފައިސާ ބަހާނީ މާލެ ސަރަހައްދުގައި އުޅޭ ފަގީރުންނަށެވެ.

އެކަމަކު މިއަހަރު ފަގީރުންގެ އަދަދު ވަނީ އިތުރުވެފައި އެވެ. އެގޮތުން މިއަހަރު ފަގީރުންގެ ގޮތުގައި ކުޅުދުއްފުށިން 243 މީހުން ރަޖިސްޓްރީވެފައިވާއިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 238 ގަ އެވެ.

ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މަދުވުމުންނާއި ފަގީރުންގެ އަދަދު އިތުރުވުމުން މިއަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހަން ޖެހޭ އަދަދު ވަނީ މަދުވެފައި އެވެ. އެގޮތުން މިއަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ލިބޭނީ 560 ރުފިޔާ އެވެ. މިދިޔަ އަހަރު ކުޅުދުއްފުށީގައި ޒަކާތް ބަހާފައިވަނީ ބޮލަކަށް 615 ރުފިޔާގެ މަގުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355