ލޮކްޑައުންގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން ކަރަންޓީނަށް ނުފޮނުވި ތިބި މީހުން މިމަހުގެ 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވީ، ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަހައްމަލުކުރައްވައި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައި އެވެ.
"އަޅުގަނޑަށް އެނގޭ އެންމެ ދެ ތިން ދުވަހަށް މާލެ އައިސް ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން." ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައިވާ ތިބި މީހުންގެ ތެރެއިން ކޮންމެހެން ރަށަށް ދާން ޖެހޭ ކަމަށް ފާހަގަކުރެވުނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިޔުމަށްޓަކާ ކަރަންޓީނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އަދި ބާކީ ތިބި މީހުން މިމަހު 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށާއި އަދި އިއްޔެއާ ހަމައަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލެއިން ރަށްރަށަށް ދާ މީހުން ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަނީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މާލޭގައި މި ބަލި ފެތުރިފައިވާއިރު މާލެއިން ރަށްރަށަށް ދާ މީހުން އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާ އަދި އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުންވެސް ރަށެއްގައި ބަލި ފެތުރެން ފަށައިދާނެ ކަމަށާ އެހެންއެކަން ވެއްޖެނަމަ އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށެވެ. އަދި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން އެ ރަށެއްގެ ރައްޔިތުންނަށް މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.