twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގާނޫނީ ކޮލަމް: ގެވެށި އަނިޔާ އާއިލީ ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވަނީތޯ؟

May 21, 2020

ގެވެށި އަނިޔާގެ ޢަމަލެއް ހިނގާތަން ތިމާއަށް ފެނިއްޖެނަމަ ރިޕޯޓުކުރަންތޯއެވެ؟ ނުވަތަ ތިމާގެ ނޫނީ އެހެން މީހެއްގެވިޔަސް އާއިލީ ކަމަކަށްވާތީ ސިއްރުކުރަނީތޯއެވެ؟ ނުވަތަ ތިމާއާއި ބެހޭކަމަކަށް ނުވާތީ އަޅާނުލައި ހުންނަނީތޯއެވެ؟ ކޮވިޑް-19ގެ ސަބަބުން ގޭގައި ތިބެން ޖެހިފައިވާއިރު، ގެވެށި އަނިޔާގެ ގޮތުގައި ހިނގާ ޢަމަލުތައް ގިނަވަމުންދާނެކަން ކުރިންވެސްވަނީ ތަޞައްވުރުކުރެވިފައެވެ. މިފަދަ ޢަމަލުތަކާއިމެދު އަޅާނުލައި، ނުވަތަ ސިއްރުކޮށްފައި ބޭއްވުމުގެ ބަދަލުގައި ޝިކާރައަކަށްވާ ފަރާތްތައް ސަލާމަތްކުރެވޭނީ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި އެފިޔަވަޅުތަކަކީ ކޮބައިކަން ރަނގަޅަށް ދެނެގަނެގެންނެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކުރެވޭނެ ފަރާތްތަކާއި، އަމިއްލަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ޙާލަތްތަކާއި، އަދި މިފަދަ ޙާލަތްތަކުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކަށް ބަލާލަމާތޯއެވެ.

ރިޕޯޓު ކުރެވޭނެ ފަރާތްތައް

ގެވެށި އަނިޔާގެ ޢަމަލެއް ހިނގާނަމަ ނުވަތަ އަމިއްލަ ރައްކާތެރިކަމަށް ގެއްލުމެއް ލިބޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެމައްސަލައެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރަންވާނެއެވެ. ހަމައެހެންމެ، އެފަދަ ޢަމަލެއް ހިނގާތަން އެމީހެއްގެ ޢާއިލާ މީހަކަށް، ނުވަތަ ރަޙުމަތްތެރިޔަކަށް ފެނުނުކަމުގައިވީނަމަވެސް، އެކަން ރިޕޯޓްކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. އެފަދަ ޢަމަލެއް ހިނގީ ކުޑަކުއްޖަކާއިމެދު ކަމުގައިވާނަމަ އެކުއްޖެއްގެ މައިންބަފައިން، ނުވަތަ ބެލެނިވެރިޔާ، ނުވަތަ ގާތްތިމާގެ މީހުން، ނުވަތަ އެކަމެއް ހިނގާކަން އެނގޭ ބައެއްގެ އެމައްސަލައެއް ރިޕޯޓްކުރުން ލާޒިމްވެގެންވެއެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާތަން ފެންނަ ކޮންމެ މީހަކާއި، އަދި ހިނގިކަމުގެ ނުވަތަ ހިނގާކަމުގެ މަޢުލޫމާތު ލިބިފައިވާ ކޮންމެ މީހަކު، އެމައްސަލައެއް ކަމާބެހޭ މުޢައްސަސާތަކަށް ރިޕޯޓުކޮށް އަންގަންޖެހޭނެއެވެ. އެގޮތުން އެފަދަ އަނިޔާއެއްގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް މީހަކު ގޮއްސިކަމުގައިވާނަމަ، އެކަމެއް ރިޕޯޓުކުރުމުގެ ޒިންމާ ހަވާލުވެގެންވަނީ އެ ޑޮކްޓަރު ނުވަތަ ޞިއްޙީ ޚިދުމަތްތެރިޔަކާއެވެ.

އަމިއްލަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ޙާލަތްތައް

އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ގެއްލުންލިބޭ އެއް ޙާލަތަކީ، އެމީހަކު ހުރީ ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އަނިޔާއެއް ކުރިމަތިވެދާނެ ޙާލަތެއްގައިކަމަށް އެމީހަކަށް ޤަބޫލުކުރެވޭ ޙާލަތްތަކެވެ. ވަކި ތަނެއްގައި ބަންދުކުރުންވެސް ހިމެނިގެންދާނީ އެފަދަ ޙާލަތެއްގެ ގޮތުގައިއެވެ. މީގެއިތުރުން، އެމީހެއްގެ ހުއްދައާއިނުލައި އެމީހަކު ދިރިއުޅޭ ތަނަށް ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހާ ވަންނަނަމަވެސް، އެމީހަކު އެވަނީ ރައްކާތެރިކަމުން މަޙުރޫމްވެގެންވާ ޙާލަތެއްގައެވެ.

ބިރުދެއްކުމާއި، ގޯނާކުރުމާއި އަދި ފާރަލުމުގެ އިތުރުން، ބިރުދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން އަމިއްލަ އިޚްތިޔާރުގައި ނުކުރާނެ ކަމެއް ކުރުވަންއުޅޭ ޙާލަތަކީވެސް ރައްކާތެރިކަމަށް ބޭނުންވާ ޙާލަތެކެވެ. މިސާލަކަށް، ހިފާގެންގުޅޭ ތަކެއްޗާއި މުދަލަށް ގެންލުން ދިނުމާއި، އެމީހެއްގެ ދަރިފުޅު ހުރީ އެމީހެއްގެ ބެލުމުގެ ދަށުގައިނަމަ، ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ދަރިފުޅު ވަކިކުރަން އުޅޭނަމަ އެމީހަކު އެހުރީ ރައްކާތެރިކަމަށް ގެއްލުން ލިބޭ ފަދަ ޙާލަތެއްގައެވެ.

ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތުގެ ޙައްޤުތަކަކީ ޤާނޫނުން ރައްކާތެރިކުރެވިފައިވާ ޙައްޤުތަކެކެވެ. އަދި މިޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައްވެސް ވަނީ ޤާނޫނުގައި ބަޔާންކުރެވިފައިވެއެވެ.

މީގެއިތުރަށް އެފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ފުލުހަށް، ނުވަތަ ރިޕޯޓުކުރަންޖެހޭ އިދާރާއަށް ރިޕޯޓުކުރުމުން އެމައްސަލަ ތަޙުޤީޤުކޮށް، އެފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއިދާރާއެއްގެ ޒިންމާއެކެވެ. އެގޮތުން، ގެވެށި އަނިޔާކުރި ފަރާތަށް ޖިނާޢީ ކުށެއްގެ ދަޢުވާ އުފުލޭނެ ޙާލަތްތަކުގައި ޖިނާޢީ ދަޢުވާ އުފުލަންވާނެއެވެ. މީގެއިތުރުން، ލިބިފައިވާ އަނިޔާއަކީ ޞިއްޙީ ފަރުވާ ހޯދަންޖެހޭ އަނިޔާއެއް ކަމުގައިވާނަމަ، އެކަމަށް ފަރުވާ ހޯދައިދިނުމާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ.

ހަމައެހެންމެ، ގެވެށި އަނިޔާވި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ފައިސާއިން ހޯދުމުގެ ޙައްޤު އެފަރާތަށް ލިބިގެންވެއެވެ. އެގޮތުން ދިރިއުޅޭނެ ގެއަކަށް އެދުމުގެ ޙައްޤާއި، ދަރިން ތިބޭ ޙާލަތުގައި ދަރިންގެ ޙަޟާނަތު ހޯދުމުގެ ޙައްޤުވެސް އެފަރާތަށް ޤާނޫނުން ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން، އެފަރާތަކީ ރައްކާތެރިކަމުގެ އަމުރެއް، ނުވަތަ އަވަސް އަމުރެއް ހޯދަން ޖެހޭފަދަ ޙާލަތެއްގައި ހުރި ފަރާތެއްކަމުގައިވާނަމަ، އެ އަމުރެއް ހޯދުމުގެ ޙައްޤުވެސް އެފަރާތައް ލިބިގެންވެއެވެ.

ނިންމުން

ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވޭނީ ތިމާއަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެދަށުން ލިބިދޭ ޙައްޤުތަކާއި ގުޅޭގޮތުން މަޢޫލޫމާތު ހޯދިފައިވާނަމައެވެ. އެހެންކަމަށްވާއިރު، ލިބިދީފައިވާ ޙައްޤުތަކާއި އަދި ޢަމަލުކުރަންވީގޮތުގެ މަޢުލޫމާތު ހޯދައި އަހުލުވެރިވުން މުހިންމެވެ. އެގޮތުން ތިމާގެ އަމިއްލަ ރައްކާތެރިކަމަށް ގެއްލުމެއް ލިބެން އުޅޭކަމަށް ހީވެއްޖެނަމަ ނުވަތަ ލިބިއްޖެނަމަ، ލަސްނުކޮށް އެހީ ހޯދަންވާނެއެވެ.

އާޓިކަލް ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355