ކުޑައިރުގެ ހަނދާނެކެވެ. އައު ގަރުނަކާއި އަޅުގަނޑުމެން ކުރިމަތިލީ 2020ގެ ފޮނިތަސައްވުރަކާއި އެކުގައެވެ. މީގެ 20 އަހަރުކުރީގައި މިދުވަސްފެނުނީ ވަރަށް ދުރުމުސްތަގުބަލެއްގެ ގޮތުގައެވެ. އެހެންނަމެވެސް މިއަހަރަށްޓަކައި ކަޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެވުނެވެ. ގިނަގުނަ ފޮނި އުއްމީދުތަކެއްކުރެވުނެވެ. އަޅުގަނޑުމެންގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަދި ދިރިއުޅުމުގެ ފެންވަރަށްވެސް ބޮޑެތި ބަދަލުތަކެއްއައެވެ. އެހެންނަމަވެސް ޅެންވެރިޔާ ވިދާޅުވާ ފަދައިން އެއްކަމެއްވެސް ތަދުބީރުކުރެހި ޕުލޭނަކުން ނުހިނގައެވެ. ކޮންމެކަމަކީވެސް ތަގުދީރުގެ ނިޔާއެވެ. ނިކަންދެކިބަލާށެވެ. މިއީ އެދުވަހު ތަސްވީރުތައް ދައްކުވައިދިން 2020ނޫނެވެ.
އަހަރުފެށުނީ ކޮވިޑް -19 ގެ ތޫފާނުގެ ވިލާތައް ބޯމަތިކުރުވަމުންނެވެ. ގައުމުގެ ރަންބިސްއަޅާ ކުކުޅުގެ ގޮތުގައި ދެކެމުންދިޔަ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައީއެވެ. 100% މުސްލިމުން ދިރިއުޅެމުން އަންނަ މިޤައުމުގެ މިސްކިތްތައް އެހުރީބަންދު ކުރެވިފައެވެ. ތުއްތު ކުދީން އެތިބީ ކޮައްޓަކަށް ލާފައިވާ ދޫނިތަކެއް ފަދައިން ބަންދުވެފައެވެ. ސްކޫލުތައް އެހުރީ ފަޅުވެފައެވެ. ދަތުރުފަތުރުކުރުންތައް މަޑުޖެހިއްޖެއެވެ. ސަލާންގަލާންކުރުމާއި އިޖުތިމާއީ ބައްދަލުކުރުންތައް ހުއްޓާލަންޖެހިއްޖެއެވެ. މަދަރުސާތަކާއި އެހެނިހެން ސަރުކާރު މުއައްސަސާތަކުގެ މަސައްކަތްތައް ނުހިނގައެވެ. ބާރަ އެކެއް ޖަހަންދެން ޒުވާނުންވަދެ ކޮފީ ބޮއެ، ސިނގިރޭޓު ބޯންތިބޭ ކެފޭތަކުގައި ތަޅުއެޅުވިއްޖެއެވެ. އައި ނައި ތަނެއްނޭނގި ވެރިއަކުނުވެ ތިބި އެތައް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދަން ސަރުކާރަށް މަޖުބޫރުކުރުވައިފިއެވެ.
ހުޅުވުނު ރިޒޯޓުތަކުންވީ މާބޮޑު މޮޅެއް އަދަކުނެތެވެ. އެންމެ ދެރަވެގެން އެތަންތަނުގެ މުވައްޒަފުން އެފޮނުވާލީ ހުސްއަތާއެވެ. ބޮޑު މުސާރަދީ މަތީފަޑިއަށް ނެގި ސިޔާސީ މީހުންގެ ފަރާތުންވީ މަންފާއެއްނެތެވެ. ހޯދިފައިވި ބަރުހަތިޔާރަކުންވީ މޮޅެއްވެސްނެތެވެ. ނުފޯރާފޮތިން ފޫގަޅައިގެން ދަރަނިވެރިވެގެން އުޅެމިންދާ ދުނިޔެވީ މާ މޮޅުދިރިއުޅުން ރައްކާތެރިކަމުގެ އައްޑަނައަކަށް ނުމެވީމެއެވެ. އާރެއްބާރެއްނެތި އެބައެއް އެބައެއްގެ ގެތަކުގައި ނުވަތަ ތިބިތަނެއްގައި ބަންދުވެ ތަޅުލެވިއްޖެއެވެ. މާދަމާ ވާނެ ގޮތެއް ހިތަށްގެންނަން ނޭނގި ހާސްކަމެއްގެ ތެރެއަށް ނަފްސުތައް ގަންބުވާލައިފިއެވެ. މާލެ ތޮއްޖެއްސުމަށް ގެންގުޅުނު ސިޔާސަތާއި އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް ވެވުނެ އިހުމާލުގެ ހިތި ރަހަވެސް ކަރުބުޑުގައި ލައްވައިފި އެވެ. މިއަދު ޤައުމު ބަރޯސާވާން ޖެހުނީ ހުރިހާ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއްނުދީ އިހުމާލުވެފައި އޮތް ސިއްހީ ދާއިރާއަށެވެ. ތޫފާނާއި ކުރިމަތިލުމަށް އެންމެ ކުރީގައި ދިވެހި ސިފައިންނާއި' ދަރުމަވެރިންނާއެކު ރުކުރުވާލީ އެބޭފުޅުންގެ ސަފެވެ.
ނަމަވެސް ވަރަށްގިނަ ބަޔަކު ރެއާއިދުވާލު ކުރަމުންދާ މިންނެތް މަސަކަތާއެކު ދުވަސްތަކަކަށްފަހު މަޑުމަޑުން ހިފެހެއްޓުންތަކަށް ލުޔެއްދެވެން މިވަނީ ފަށާފައެވެ. އެހެންނަމަވެސް މިއީ ހިންދެމިލަންވީ ވަގުތެއްނޫނެވެ. މިއީ ސަމާލުވެގެން ތިބެ ހިކުމަތްތެރިކަމާއެކު، ހުއްޓިފައި ހުރި ދިރިއުޅުމުގެ ކަންތައްތައް މަޑުމަޑުން ފަށައި ގަންނަންވީ ވަގުތެވެ. މުޅިން އާ އާދަކާދަ ތަކަކާއި އެކުގައެވެ.
ބަދަލުކުރެވިފައިވާ ސަޤާފަތަކާއި އެކުގައެވެ. މިގޮތަށް ބަންދުވެގެން އަބަދުތިބެވޭން ނެތީމައެވެ. އިނދަޖެހެމުންދާ އިގްތިސާދު ނަގަހެއްޓުމަށްޓަކައި ކެފޭތަކާއި' ރެސްޓޯރެންޓުތައްފަދަ ކުދި ވިޔަފާރިތައް ފެށުމަށްތައްޔާރުވެފައެވެ. މި މުސްލިމް ގައުމުގެ މިސްކިތްތަކުގައި ނަމާދުވެސް ކުރެވޭނެ ގޮތެެއް މިދަނީ ހޯދަމުންއެވެ. ބާޒާރުކޮށް ވިޔަފާރިކުރެވޭނެ ގޮތްތަކެއް ހޯދަންއެބަޖެހެވެ. އިގްތިސާދުގެ ނާޒުކުކަމުގެ ހައްގުގައެވެ.އެހެންނަމަވެސް ބަދަލުވެފައިވާ އާ ހަމަ ތަކަކާއި އެކުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ.
މިސްކިތްތަކުގެ ތަޅު ހުޅުވުމާއި، ސްކޫލުތައް ހުޅުވުމާއި އަދި އެހެނިހެން އޮފީސްތައް ހުޅުވުމުގައި އެކަމާއި ބެހޭފަރާތްތަކުން ކަނޑުއަޅުއްވާ އުސޫލުތަކުގެ މަތިން ކޮންމެ ބޭފުޅަކުވެސް އަމަލުކުރެއްވުން މުހިންމެވެ. ހަމަ މިއާއެކު ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ދިއުމުގައި އެތަންތަނަކަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނުވަނުމާއި އެއްތަށިން އެއްޗެހި ނަގައިގެން ނުކެއުމާއި، ބުފޭތައް ނުހެދުމާއި، ކެއުމުގެ ކުރިންނާއި ފަހުން އަތްދޮވުމުގެ އާދައަށަގެންނެވުމުން މުހިންމެވެ. ބާޒާރުކުރުމުގައި ކެއްކުމުގެ ކުރިން ކޮންމެ ދުވަހަކު ގޮސް ހަނޑޫ ކިލޯއަކާއި ސޯސްފުޅިއެއް ގަތުމުގެ ބަދަލުގައި ހަފްތާއަކު އެއްފަހަރު ފިހާރައަށް ގޮސް އިޖުތިމާއީ ގައިދުރުކަން ގާއިމުކުރުމާއެކު ބާޒާރުކުރަން ދަސްކުރަންޖެހެވެ. އަދި ހަމަ މިއާއެކު ގަންނަން ބޭނުންވާ ތަކެތީގައި ނޫނީ އަތް ނުލުމާއި، އުމުރުން ދުވަސްވީ ބޭފުޅުން މިފަދަ މީހުންގިނަވާ ތަންތަނަށް ނުދިއުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ސްކޫލުތަކަށް ކުދިން ފޮނުވުމުގައިވެސް އެ އޮންނަ ގަވާއިދެއްގެ މަތިން ފޮނުވާ، ބަލިވެ އުޅޭ ދަރިވަރުން ގޭގައި މަޑުކުރުން މުހިންމެވެ. ފިލާވަޅަކީ ހޯދިދާނެ އެއްޗެކެވެ. ހަމަ މިބީދައިން އޮފީސްތައް ހުޅުވުމުން އެތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް އިޖުތިމާއީ ގައިދުރުކަން ގާއިމުކުރުމާއިއެކު މަސައްކަތް ކުރިއަށް ގެންދަންޖެހެއެވެ.
ފަރުދީ ޒިންމާގެ އިތުރުން މުއައްސަސާތަކުގެ ޒިންމާވެސް މިކަމުގައި ބޮޑެވެ. މަސައްކަތުގެ މާހައުލަށްވެސް އިންގިލާބީ ބަދަލެއް ގެންނަން މިވަނީ ޖެހިފައެވެ. އިންޓަރނެޓު ބޭނުންކޮންގެން އޮންލައިންކޮށްދެވޭ ހިދުމަތްތައް މުވައްޒަފުން ގޭގައި ތިބެގެން ހަމަ ޖައްސައިދީ ބަލިވުމުންދޭ ޗުއްޓީ ފަސޭހަކުރުން މީގެ ތެރޭގައި ހިމެނެއެވެ. ކޮންމެ އިދާރާއަކުންވެސް އެދާއިރާގެ ކަންކަން އެންމެ ރައްކާތެރިކަމާއެކު ކުރެވޭނެ ގޮތްތަކެއް ހޯދާ ކަމުގެ މާހިރުންގެ އެންގުންތައް މަގު ޗާޓެއްގެ ގޮތުގައި ބޭނުންކުރުން އިންތިހާއަށް މުހިންމެވެ. އެހެންކަމުން މުއައްސަސާތަކުން އެކަން ޔަގީންކުރުމާއިއެކު އަމިއްލަ ފަރުދުންވެސް ގަވާއިދުތަކަށް ފާރަވެރިވެ ތިބެ އެކަންކަމަށް ބޯނުލަބާ ފަރާތްތައް ރިޕޯޓުކުރުމާއި ހިލާފުވާ ފަރާތްތަކަށް އަދަބުދިނުމާއި މިފަދަ ގަވާއިދާއި ގާނޫނުތައް ތަންފީޒުކުރުމަށް އެއްބާރުލުން ދިނުމަކީ މިއަދު ގައުމީވާޖިބެކެވެ. މިވާޖިބު އަދާ ނުކުރެވިއްޖެނަމަ ވޭތުވެ ދިޔަ 3 މަސް ދުވަހު މިގައުމުގެ އެތައް ދަރީންނެއް މި ގައުމުގެ ހައްގުގައި، ތިބޭފުޅުންގެ ހިދުމަތުގައި އެބޭފުޅުންގެ އާއިލާތައް ދޫކޮށް އެކުރާ މަސައްކަތަކީ ފޫނެއްފަޔަކަށް ފެންފުރުން ކަމުގަ ވެދާނެއެވެ. އެ މަތިވެރި ގުރުބާނީއާއި އޮހޮރުވާ ދަލަކީ އަގެއްނެތް އެއްޗެއްކަމުގައި ވެދާނެއެވެ.
އަޅުގަނޑުމެން ދިރިއުޅުމުގެ އާ ހަމަތަކެއް ގާއިމުކޮށް "ނިއު ނޯމަލް"އަކާއި ދިމާލަށް ދާއިރު ދަސްކުރަންވީ ފިލާވަޅުތަކެއް އެބަހުއްޓެވެ. އެންމެ މުހިންމު އެއްކަމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަރޯސާވެގެންތިބޭ ތިބުން ހުއްޓާލުމެވެ. މިގައުމުގެ އަމިއްލަ ފައިމައްޗަށް ތެދުވަންވީ ވަގުތެ ޖެހިއްޖެއެވެ. ފަތުރުވެރިކަމަށް އެކަނި ދީލާލައިގެން ތިބުމުގެ ބަދަލުގައި މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއަށްނެރެ ފުދުންތެރި ބަޔަކު ކަމުގައިވާންވެއްޖެއެވެ. ބޭކާރުގޮތުގައި ކުރާ ޙަރަދުތައް ކުޑަކޮށް ސިއްޙިދާއިރާގެ ކަންތައް ކުރިއަރުވާ ދާއިރާގެ މީހުން އުފެއްދުމަށް އެ ފައިސާ ބޭނުންކުރަންވެއްޖެއެވެ. އިންޑިއާއި' ލަންކާއާއި ބެންކޮކަށް ނުގޮސް ކޮންމެ ބައްޔަކަށްވެސް ފަރުވާކުރެވޭނެ ގޮތެއްހޯދަން ލަސްވެއްޖެކަމެވެ. އެންމެ މަހެއްގެ މުސާރަ ނުލިބުމުން ތިމާގެ ދަރިންނަށް ކާންދީ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބުން ގަބޫލުނުކޮށް ދިވެހިންގެ ކަށީގައިނެތް ފަހަށް ރައްކާކުރަން ފަށަންވެއްޖެކަމެވެ. ބިދޭސީންގެ އަތުން ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަބުރާ ހޯދާ އެފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފަހައްޓާ ދައުރުކުރެވޭނެ ގޮތެއްހޯދަންވީ ވަގުތަކީވެސް މިއެވެ. ކޮފީތަކަށާއި، އަގުބޮޑެތި ތަކެއްޗަށާއި ދަތުރުތަކަށް ކުރާ ޙަރަދުތަކުގެ ބަދަލުގައި މާދަމައަށް ޓަކައި ރައްކާކުރަންފަށަން ވެއްޖެއެވެ.
ހަގީގަތަކީ ކާނެ ކަނޑުލެއް، ބަނބުކޭލެއް މިގައުމުގައި ނެތްކަމެވެ. މާމަމެންނާއި ކާފަމެން ބޮޑު ތަދުން އަރައިގަތްވުރެ ދަތި ހާލަތަކަށް އަޅުގަނޑުމެން ހިނގައިދާނެކަމެވެ. ދެކޮޅު ހެދެންނެތްކަމަކީ ވޭތުވެދިޔަ އަހަރުތަކުގައި ދަތުރުކުރި މިސްރާބަށް ދަތުރުކޮށްގެން ސަލާމަތުގެ އަށްސޭރިއެއޮ ހޯދެންނެތްކަމެވެ. މިސްރާބު ބަދަލުކޮށް، އާދަކާދަތައް ބަދަލުކޮށް، ފަރުދީޒިންމާ އަދާކުރުމާއިއެކު ގައުމީ ލޯބި އިސްކޮށް، ފެއްސާއި ރަތާއި ހުދުނޫން ކުލަތައް ފަހަތަށްލައިގެން މެނުވީ ދެން ކާމިޔާބެއްނެތެވެ. ދެބަސްވެވޭން ނެތްކަމަކީ ދެން މިގައުމުގައި ކުރިއަރުވާ ބާރުވެރި ކުރުވާންވީ 24/7 ހޭލާތިބެގެން، އާއިލާތައް ގުރުބާންކޮށް މިބަލިމަޑުކަމާއި ކުރިމަތިލީ ސިއްހީދާއިރާގެ މުއައްސަފުންނާއި، ދިވެހިސިފައިންނާއި ފުލުހުންނެވެ.
ދަރުމަވެރިންނާއި އެހެނިހެންވެސް ފަރާތްތަކެވެ. ކަނޑައަޅަންވީ އަޒުމަކީ މިއަންނަ ބަދަލުގެ ތެރޭގައި ބަދަލުވަމުންދާ އުސޫލުތަކުގެ ހިފެހެއްޓުމެވެ. ތިމާއާއި ތިމާގެ އާއިލާގެ އެންމެންނަކީވެސް އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމާއި އެހެނިހެން އާދަތަކުގައި ހިފަހައްޓާބަޔަކަށް ވުމެވެ. 2040 ގައި ކޮވިޑްއިން އަރައިގެން ވާހަކަ ފަޙުރުވެރިކަމާއެކު ކިޔާދޭން ދުނިޔޭގައި ތިބެވޭނީ މި "ނިއު ނޯމަލް" އަށް އަޅުގަނޑުމެން މަރުހަބާ ކިޔައިގެންނެވެ. މިތޫފާނުން ސަލާމަތްވުމުގެ ހަމައެކަނި ދޮރަކީއެއީއެވެ. މީގެ އަހަރުތަކެއް ފަހުން މިފަދަކަމަކަށް ތައްޔާރަށްތިބި ޖީލެއް އުފެއްދޭނީވެސް އެއިރުންނެވެ. 2020 އަޅުގަނޑުމެންގެ އަތުން ގެއްލި ބީވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް މިއަދު ކަށިންނެރޭ ހިތްވަރުން ރައްކާތެރި މާދަމައެއް ހޯދިދާނެއެވެ.