twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކޭއާރުއެޗަށް ބޮޑު ކާމިޔާބީއެއް، 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތްކޮށްފި

May 27, 2020
11

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތްކޮށްފި އެވެ. މިއީ މިހާތަނަށް އެންމެ ހަގުކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހެއުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަން ޖެހިއްޖެ ނަމަ ގިނަ މީހުން ދަތުރު ކުރަނީ މާލެއަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ މީހުން މި ވަގުތު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދަނީ ވިހަން އަންނަމުންނެވެ. އާންމު ގޮތެއްގައި މަހެއްގެ މައްޗަށް 30 މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވިހާއިރު، މި މަހުގެ މިހާތަނަށް ވަނީ 48 ކޭސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނަގާފަ އެވެ. އަދި މާލެ ލޮކްޑައުން ކުރި ފަހުން ޖުމްލަ 70 ކޭސް މިހާތަނަށް ނަގާފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން މި ދުވަސްވަރު ވިހަން އައި ބައެއް މީހުން އަލަށް ހެދި ލޭބަރ ރޫމުގައި އެނދުތައް ބަހައްޓައި އެޑްމިޓް ކޮށްފައިވާއިރު އަދި އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ ވާޑް ވިންގާއެކު ބެޑް ކެޕޭސިޓީއަށް ހައްލު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ހޮސްޕޓަލުގެ ފަރާތުން މައުލޫމާތު ދިނެވެ.

"އާންމު ގޮތެއްގައި 4 ކަމެއްގައި މާލެ ފޮނުވާލަން އެބަ ޖެހޭ. ދުވަސް ނުފުރާ ވިހަން ޖެހުން، ކަށީގެ އޮޕަރޭޝަންތަކުގައި، ހިތުގެ ބަލީގެ ކަންތައްތަކުގައި އަދި ސްޓްރޯކް ފަދަ ކަންތަކުގައި. މީގެ ތެރެއިން ގިނަ ކަންކަމަކީ ވަރަށް ފަސޭހައިން ރަގަޅު ކުރެވެން ހުރި ކަންތައްތައް. އެކަމަށް ބޭނުންވާ އާލާތްތައް ލިބިޖެއްނަމަ މާލެ ނުފޮނުވާ ފަރުޖެއްސޭނެ ކަންތައްތައް. މި ކަންތައްތައް ސަރުކާރާ މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް އެބަ މަސައްކަތް ކުރެވޭ. މީގެ އިތުރުން ދަތުގެ ފަރުވާ އެކަށީގެންވާ ވަރަށް ނުލިބޭ މައްސަލަ ހައްލު ކުރުމަށް ވެސް އެބަ މަސައްކަތް ކުރަން." ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު މައުލޫމާތު ދިނެވެ.

"28 ހަފްތާގެ ބޭބީ ސަލާމަތް ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. ނަމަވެސް އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އަދި ބެޑް ކެޕޭސިޓީ މަދު ކަމުން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަ އާދޭ. އޭގެ އިތުރުން ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް އެބަހުރި. ނިއޮނަޓަލް ވެންޓިލޭޓާސް، އިންކިއުބޭޓާ، ބޭބީ ވާމާސް، ފޮޓޯ ތެރަޕީ މެޝިންސް އެކަށީގެންވާ ވަރަށް ލިބިއްޖެ ނަމަ ވިހެއުމުގެ ކަންތައްތަކުގައި މާލެ ފޮނުވާލަން ޖެހޭ މީހުންގެ އަދަދު ހަމަ އެކަށް ހުއްޓުވާލެވި ދާނެ. އަވަސް މުސްތަޤުބަލެއްގައި އެންއައިސީޔޫއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލު ކުރެވޭ." އަހުމަދު އިތުރަށް ހާމަކުރިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެވްރެޖްކޮށް ދުވާލަކު 400 އެއްހާ މީހުން ދައްކާއިރު މިއީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލް ކަން ފާހަގަ ކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355