މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ގެއްލުންވެއްޖެ އެވެ. އެގޮތުން އިއްޔެ ކުރި ވިއްސާރާގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް އުތުރު ލިބިފައިވަނީ ހދ ހަނިމާދޫއަށްކަމަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
އެގޮތުން އެރަށަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭތަކަށާއި އެރަށު އިންޖީނުގޭގެ އިތުރުން ސްކޫލަށްވެސް ފެންވަދެ ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބި އެވެ. ފެންހިންދުމަށް އެރަށުގައި ވަނީ ކޯރު ކޮނެ، ބައެއް ގެތަކުގައި ވަނީ ވެލި ބަސްތާ ޖަހާފައި އެވެ. އަދިވިއްސާރާގައި އެ ރަށުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސީލިންގުން ބައެއްވެސް ވަނީ ވެއްޓިފައި އެވެ.
ހަނިމާދޫއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ހޯދާލުމަށް އެރަށު ކައުންސިލަށް ގުޅުމުން ފޯނަށް ގުޅުމުން ޖަވާބު ނުދެއްވާތީ އެކަމުގެ އިތުރު ތަފުސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވި ރަށްތަކަށް ބަލާއިރު ހއ. އުލިގަމަށްވެސް މެދު ނުކެނޑި ވާރޭވެހުމުގެ ސަބަބުން ވަނީ މަގުތަކުގައި ފެންބޮޑުވެފައި އެވެ. އުލިގަމު ކައުންސިލަށް ގުޅަން އުޅެ އެ އިދާރާއަށްވެސް ވަނީ ގުޅޭ ގޮތް ނުވެފަ އެވެ.
ހދ. ނޮޅިވަރަމް އަށްވެސް ވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފަ އެވެ. ނަމަވެސް އެރަށުގައި ގެތަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވުންފަދަ ހާދިސާއަކާ އަދި ދިމާވެފައި ނެތެވެ. ހދ. ނޭކުރަންދޫގެ ރައީސް ވިދާޅުވީ އެރަށަށް އިރާދަކުރެއްވީތީ މި ވިއްސާރާގައި އަދި ގެއްލުމެއް ނުވާކަމަށެވެ.
އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާކޮށް އުތުުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އެކިހިސާބަށް ކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވާ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ ބުނެފަ އެވެ.
އެ އިދާރާއިން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ޅ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މިއަދު 11:00 ން 17:00 އަށް އެލާޓް ނެރެފައިވާއިރު ބޯކޮށް ވާރެވެހި ގުގުރާ އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމުގައި މެޓް އޮފީހުން ބުނެ އެވެ.