ނ. މަނަދޫ މޮނީޓަރިންގެ ހާލަތުގައި އޮތް އޮތުން އެއްމަސް ފަހުން ނިމުމަކަށް ގެނެސް އެ ރަށް އާންމު ހާލަތަށް ގެންގޮސްފިއެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއިއެކު މަނަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. މަނަދޫ މޮނިޓަރިންގެ ހާލަތު އުވާލިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މަނަދޫ ކައުންސިލަށް ލުޔުމުން އަންގާފައެވެ.
އެ ލިޔުމުގައި ބުނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައް ބެލުމުން އެ ރަށް އިތުރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.
އެ ރަށުން 10 މީހަކު ޕޮޒިޓިވްވި އިރު ޕޮޒިޓިވްވި އެންމެންވެސް ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މަނަދޫ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކުރެވުނީ 80 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެމީހާ ވަނީ އެ ބަލިން ރަނގަޅުވި ފަހުން އެހެން ބައްޔެއްގައި މަރުވެފަ އެވެ.
ރާއްޖެއިން 1773 މީހަކަށް މި ބަލިޖެހިފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލީގައި 6 ވަނަ މީހަކު ވަނީ މިއަދު މަރުވެފަ އެވެ.