twitterviber whatsapp telegramfacebookyoutube instagram
17th May 2024

ބިދޭސީންނަށް އެހީވާން ހުޅުވާލި ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ

ނަބީލާ އިސްމާޢީލް
Jun 2, 2020

ދިވެހި ރެޑް ކްރެސެންޓްގެ ކޮވިޑް-19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ދިވެހި ރުފިޔާގެ އެހީ ލިބިފައިވާކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފި އެވެ.

ރެޑް ކްރެސެންޓުން މެއިމަހު އެއްވަނަ ދުވަހު ލޯންޗުކުރި މި ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލީ އެ މަހުގެ ނިޔަލަށެވެ.

އެމްއާރްސީން ބުނީ ޖޫން މަހުގެ ފުރަތަމަ ދުވަހު ފަންޑު ބަންދުކުރި އިރު، ފަންޑު ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހަތަރު އެކައުންޓަށް މުޅި ޖުމްލަ 1،374،745.79 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުން ބުނީ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ އިގުތިސާދީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވެސް ރެޑް ކްރެސެންޓުގެ ފަރާތުން ހިންގަމުންދާ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން ރެޑް ކްރެސެންޓުގެ ފަރާތުން ހިންގާ މައިގްރަންޓްގެ ސަޕޯޓް ސެންޓަރުން ދަނީ ބިދޭސީންނަށް ކާބޯތަކެތި ހަމަޖައްސައިދިނުމާއި، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޮރުކޮށްދިނުމުގެ އިތުރުން އެހެނިހެން ކަންކަމުންގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިއްޔާ ވިދާޅުވީ، ކޮވިޑް-19 މައިގްރަންޓްސް ފަންޑަށް ލިބިފައިވާ ފައިސާގެ 85 އިންސައްތަ ބޭނުންކުރާނީ ހާލުގައި ޖެހިފައިވާ ބިދޭސީންގެ ކޮއްތު ހަމަޖައްސައިދިނުމުގެ މަސައްކަތަށް ކަމަށެވެ. އަދި ފަންޑުގެ 10 އިންސައްތަ ޕްރޮމޯޝަންގެ ހަރަކާތްތަކަށް ކަނޑައެޅިފައިވާއިރު، އިދާރީ ހަރަދުތަކަށް ފަސް އިންސައްތަ ބޭނުންކުރާނެ ކަމަށް ހިއްޔާ ވިދާޅުވިއެވެ.

އާއްމުންގެ އެހީތެރިކަމާއެކު މައިގްރަންޓް ސަޕޯޓް ސެންޓަރުން ވަނީ މިހާތަނަށް 3،600 އަށް ވުރެ ގިނަ ބިދޭސީންނަށް 100،000 އަށްވެރު ގިނަ މީލްޕެކް ފޯރުކޮށްދީފަ އެވެ. އަދި ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ހިމެނޭ 550 ހައިޖީންކިޓްސް މިހާތަނަށް އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355