ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ހަވަނަ އިސްލާހު ރައީސް ސޯލިހް މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.
އެއާއެކު އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު މި ވަނީ ދެމިގެން ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ރޭ މެންދަމު ބޭއްވި ޖަލްސާއެއްގައި
ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައީ 74 މެންބަރުންގެ ވޯޓުންނެވެ.
އެ ދައުރު ދަންމަން ސަރުކާރުން ފުރަތަމަ ފޮނުވީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާއަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކަމާ މެދު ހިޔާލު ތަފާތުވުން ބޮޑުވެ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުނެވެ. މަޖިލީހުން ރޭ ފާސްކޮށްފައި ވަނީ އެ ކޯޓުގެ ލަފައާ އެ ގޮތަށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.
ސުޕްރީމް ކޯޓުން ލަފާ ދިނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ހަމައެކަނި ލާމަރުކަޒީ ބާބުގެ ކައުންސިލަރުންގެ ދައުރު ބަޔާން ކުރާ މާއްދާ އިސްލާހުކޮށްފިނަމަ އެ މާއްދާގެ އެހެން ބައިތަކަށް އަރައިރުން ވެދާނެ ކަމަށެވެ. އެހެންކަމުން އެ ބާބުގައި ނުވަތަ ގާނޫނު އަސާސީގެ ތޭރަވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ލަފާ ދިނެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ބުރާސްފަތި ދުވަހަށް ހަމަވެ އެވެ.