ވަޒީފާ ނެތް ޒުވާނުން ބޭރުގެ އޮންލައިން ކޯސްތަކެއްގައި ބައިވެރިވާން ޖާގަ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބުނެފި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް 50 ޖާގަ ދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުންޏެވެ.
ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ގޮތުން ކޮމަންވެލްތު އޮފް ލާނިން (ކޮލް) އިން ވަނީ އެކި ދާއިރާތަކުން އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގައި 200 ޔުނިވާސިޓީއެއްގެ އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ކޯސްތަކެއް ހިންގާ ކަމަށާއި ގިނަ ގައުމުތަކަށް އެ ފުރުސަތު ދީފައިވާއިރު ރާއްޖޭގެ 50 ޖާގަ ހޮވަނީ ފުރިހަމަ ކޮށްފައިވާ ޑޮކިއުމަންޓުތަކާއެކު އެންމެ ފުރަތަމަ ހުށަހަޅާ 50 ފޯމުގެ ތެރެއިން 25 އަންހެން 25 ފިރިހެން ކަމަށެވެ.
ކޯސް ކުރިއަށް ގެންދަނީ މި އަހަރުގެ ސެޕްޓެމްބަރު 30 އިން ޑިސެމްބަރު 31 ގެ ނިޔަލަށެވެ. އެގޮތުން އުމުރުން 18 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ މި ކޯހަށް ބޭނުންވާ އިންޓަނެޓުގެ ހިދުމަތް ވެސް ދެނީ ޔޫތު މިނިސްޓްރީންނެވެ.
ކޮވިޑް އާ ގުޅިގެން ރާއްޖެއިން ވެސް އެތައް ބައެއްގެ ވަޒީފާތައް ގެއްލިފައި ވެއެވެ. ރާއްޖޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލުމުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ގާތްގަނޑަށް 1300 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.