މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ އުސޫލުތައް ބަޔާން ކުރާ ސަންސެޓް ގާނޫނު ތަސްދީގުކޮށްފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރޭ ދަންވަރު އެވެ.
ކައުންސިލަރުން ތިބޭނެ އުސޫލުތައް ހިމެނޭ ގާނޫނެއް ފާސްކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ނިންމީ ގާނޫނު އަސާސީގައި އިތުރު ކުރި އިންތިގާލީ މާއްދާގެ މުއްދަތުގައި ދިމާވެދާނެ އިތުރު ގާނޫނީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައެޅުމަށެވެ.
ގާނޫނު އަސާސީގައި ހިމެނި އިންތިގާލީ މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގައި ތިބޭނެ އުސޫލުތައް ބަޔާން ކުރާ ބިލެއްގެ ގޮތުގައި ހަސަން ލަތީފުގެ ބިލު ފާސްކުރީ 73 މެންބަރުންގެ ވޯޓުންނެވެ.
ހަސަން ލަތީފުގެ ބިލު ދިރާސާ ކުރި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލު ހުށަހެޅުއްވިއިރު އޭގައި ބަޔާން ކޮށްފައިވާ ކައުންސިލަރުންގެ ދައުރުގެ މުއްދަތުގެ ބައި އުނިކޮށްފަ އެވެ. އަދި އިންތިގާލީ މާއްދާގެ މުއްދަތުގައި ކައުންސިލްތަކުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ބިލުގައި ހިމެނި އެވެ.
ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި ކައުންސިލް އިންތިހާބު ނުބޭއްވޭއިރު ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތެއްގައި ހުސްވި ކައުންސިލަރުގެ މަގާމަށް މީހަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކައުންސިލަރަކު އައްޔަން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.