އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގެ ނޫސްވެރިކަމުގެ ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހުޅުވާލައިފިއެވެ.
އެމްއެމްސީ އިން ބުނީ ނުވަ މަސްދުވަހަށް ކުރިއަށްގެންދާ އެ ކޯހުގައި ރާއްޖެއިން ދެ ފަރާތަކަަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ނޫސްވެރިކަން ނޫނީ ކަމާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
— Maldives Media Council (@mmc_mv) June 4, 2020
އެމްއެމްއެމްސީ އިން ބުނީ ކޯހުގެ ހަރަދުގެ އިތުރުން އެއާ ޓިކެޓް ހަރަދާއި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ހަރަދު ކޯސް ދޭ ފަރާތުން ހަމަޖައްސާނެ ކަމަށެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު ނުވަ ވަނަ ދުވަހު މެންދުރު 2:00ގެ ކުރިން އެ ކައުންސިލްގެ އީމެއިލަށް މައުލޫމާތުތައް މެއިލް ކުރެއްވުމަށް އެމްއެމްސީ އިން ވަނީ އެދިފަ އެވެ.
ކޯހުގައި ބައިވެރިވާން މައުލޫމާތުތައް މެއިލް ކުރާއިރު އެ މީހެއްގެ އައިޑީކާޑު ކޮޕީ، ފޯން ނަންބަރު، ސިވީ، ޑިގްރީ ސެޓްފިކެޓްގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް ހުށަހެޅުމަށް އެމްއެމްސީއިން ވަނީ އެދިފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7967919 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.