ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓްސް ޖަައްސައި ހިދުމަތް ދޭނެ ކެޕޭސިޓީ ނެތްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.
މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓަށް ދީފައި އޮންނާނީ ވަގުތީ އިންޓަނޭޝަނަލް ހުއްދަ އެއް ކަމަށެވެ.
އެގޮތުންް މާފަރު އެއާޕޯޓަށް ޓެމްޕޮރަރީ ހުއްދަ އެއް ދީފައި އޮންނާނީ ޕްރައިވެޓް ޖެޓުތައް ހޭންޑްލް ކުރުމަށް ކަމަށް ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް ފްލައިޓުތައް ހޭލްޑްލް ކުރުމަށް މާފަރު އެއާޕޯޓު ތައްޔާރު ނޫންކަމަށް ޒުހައިރު ވިދާޅުވި އެވެ.
އެ އެއާޕޯޓުގެ ޓާމިނަލްތެރޭ އިމިގްރޭޝަން ކައުންޓަރެއް ނެތް ކަމަށާއި އަދި އިންޓަނެޝަނަލް ޕެސެންޖާސް އާއި ޑޮމެސްޓިކް ޕެސެންޖާސް ވަކި ކުރެވޭނެ ގޮތެެއްވެސް ނެތް ކަަމަށެވެ. އަދި މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް އިންޓީރިއާ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޓާމިނަލް ކެޕޭސިޓީ އަށް ބަލާއިރު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެކީގައި ކުރިއަށް ގެންދެވޭނެ ކެޕޭސިޓީ އެއް ނެތް ކަމަށާއި ސަބަބަކީ އެތަނުގައި ގިނަވެގެންވެސް އެއްފަހަރާ ހިދުމަތް ދެވެނީ 150 ނުވަތަ 100 ޕެސެންޖަރުންނަށް ކަމަށެވެ. އަދި އިންޓަނޭޝަނަލް ފްލައިޓަށް ބަލާއިރު ރާއްޖެއަށް އަންނަ އެންމެ ކުދި އިންޓަނޭޝަނަލް ފްލައިޓު އޭ320 އަށް ބަލާއިރުވެސް އެއީ 200 ޕެސެންޖަރުން ކަންވެސް ސްޓޭޓް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެހެންވީމާ ކެޕޭސިޓީ އިތުރުވީ އިރަކުން އިންޓަނޭޝަނަލް އޮޕަރެޝަންސް އަށް ހުއްދަ ދެވޭނެ ކަމަށާއި މީގެ އިތުރުން ދާއިމީކޮށް އިމިގްރޭޝަން، ކަސްޓަމަސް އަދި ހެލްތު ބޭފުޅުން މާފަރު އެއާޕޯޓުގައި ތިބޭ ދުވަހަކުން ޕްރައިވެޓް ޖެޓްސްތައް ޖެއްސުމަށްވެސް ދާއިމީ ހުއްދަ ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.