- ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ވަނީ އިތުރުވެފައި
- ހޮސްޕިޓަލްގެ ހާލަތު ސަރުކާރުން ގާތުން ބަލާ
- އާ ވާރޑެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފައި
އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގެ އެނދުތައް ފުރިއްޖެ އެވެ.
ކޭއާރުއެޗަށް ޖާގައިގެން މައްސަލަ ދިމާވާން ފެށީ ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް ކުރީގެ ސަރުކާރުން އެތަނުގެ 12 އެނދުގެ ވާރޑެއް ތަޅާލުމުންނެވެ. އެ ވާރޑް ތަޅާލީ އެތަނުގައި އެމްއާރުއައި މެޝިނަކާއި ސީޓީ މެޝިނެއް ބެހެއްޓުމަށް އޭރު އެތަން ހިންގަން ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ. އެކަމަކު އެ ޕްރޮޖެކްޓް ނުނިމެނީސް ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި ހޮސްޕިޓަލުގެ ހިންގުން ހުއްޓުމުން މިނިސްޓްރީން އެތަނާ އަލުން ވަނީ ހަވާލުވެފައި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ހެލްތް ސާވިސަސް އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާއެކު އެ ހޮސްޕިޓަލަށް އިތުރަށް ބާރުބޮޑުވެ، ޖާގައިގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ އަލަށް އިމާރާތްކޮށް އަދި ބޭނުން ކުރަން ފަށާފައި ނުވާ އާ ލޭބަރު ރޫމްގައި އިތުރު 6 އެނދު ޖަހައި މީހުން ވަނީ އެޑްމިޓް ކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އެ ހޮސްޕިޓަލުގައި 6 މީހަކު ވިއްސާފައިވެ އެވެ. އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި އެ ހޮސްޕިޓަލުގައި އަލަށް އުފަންވާ ކުދިން ބައިތިއްބާ ނިއޯ ނޭޓަލް އިންޓެންސިވް ކޭއާ ޔުނިޓް (އެންއައިސީޔޫ) ގައިވެސް އާންމުކޮށް 4 ނުވަތަ 5 ކުދިން ތިބެ އެވެ.
އަހުމަދު ވިދާޅުވީ މިހާރުވެސް އެނދުތައް ފުލްވެފައިވާއިރު މާބަނޑު މީހުންނަށް ފަރުވާދެމުންދަނީ އާ ލޭބަރު ރޫމުގައި އަދި އުފަން ހިޔާ އިމާރާތުގައި އިތުރު އެނދު ޖަހައިގެން ކަމަށެވެ.
ކޮވިޑަށް އޯޕީޑީގެ އާންމު ހިދުމަތްތައް ހުއްޓާލުމަށްފަހު އަލުން މިމަހު ހުޅުވާލުމާއެކުވެސް ގިނަ ބަޔަކު ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އައިސްފައިވެ އެވެ. އެގޮތުން ފުރަތަމަ ތިން ދުވަހުވެސް ސްކޭނިންގެ ހިދުމަތްތަކާ ނުލައި 685 މީހުން އޯޕީޑީ ހިދުމަތް ހޯދާފައިވާކަމަށް އެތަނުގެ ހިސާބުތަކުން އެނގެ އެވެ.
އޭނާ ވިދާޅުވީ، ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ގާތުން ސަރުކާރުން ބަލަމުންގެންދާ ކަމަށާއި މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް މީގެ ކުރިން ނުލިބޭހާ ކުރިއެރުންތައް ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ވަސީލަތްތަކާއި، އިންފުރާސްޓްރަކްޓަރަލް ޑިވެލެޕްމަންޓްސްގެ އިތުރުން ގިނަ އަދަދެއްގެ ޑޮކްޓަރުން ލިބިފައިވާކަން އަހުމަދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ހޮސްޕިޓަލާ ވަނީ ގުޅިފަ އެވެ.
އަދި މިދިޔަ ހަފްތާގައި އެންއައިސީޔޫއަށް ޒަމާނީ ފެންވަރުގެ 3 ބޭބީ ވާރމާ އާއި 1 ފޮޓޯތެރެޕީ މެޝިން ލިބިފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މީހުން ވިއްސާ އެ ހޮސްޕިޓަލަށް އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖާގައިގެ މައްސަލަ ހައްލުކުރުމަށް 30 އެނދުގެ އާ ވާރޑެއްގެ މަސައްކަތް މިމަހު އެއްވަނަ ދުވަހުން ފެށިގެން ފަށާފައިވާ ކަމަށާއި އެ ވާރޑް ނިމުމުން ޖާގައިގެ މައްސަލައަށް ވަރަށް ބޮޑުތަނުން ހައްލު ލިބިގެންދާނެކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމްވެސް އެ ހޮސްޕިޓަލަށް ގުޅައި މައްސަލަތައް ވަނީ ބައްލަވާލައްވާފަ އެވެ. އެ ބައްދަލުވުމުގައި އާ ހޮސްޕިޓަލުގެ އިމާރާތުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ހެލްތު މިނިސްޓަރ އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދެއްވާފަ އެވެ. މި ހޮސްޕިޓަކީ އެވްރެޖްކޮށް ދުވާހަކު 400 އެއްހާ މީހުންނަށް ހިދުމަތްދޭ ހޮސްޕިޓަލެކެވެ.