މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާ ލިބިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވި މެންބަރުންނަށް ދައުވާ ކޮށްދޭން އެދިއްޖެ އެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވާއިރު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއް ކަން ކަށަވަރު ކުރުމުގެ ގޮތުން ޕީޖީން އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބަލައިދިނުމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ފޮނުވާފައިވާ ސިޓީ އެދިވަޑައިގެންފައި ވެއެވެ.
ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދުނުއިރު، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ އެވެ. ހޯމަ ދުވަހުގެ ރޭގެ ޖަލްސާގެ ތެރެއިން ތަޅުމުގައި ހަމަނުޖެހުން ހިނގަން ފެށީ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވަން އޭނާ ދެކޮޅު ހައްދަވަން ފެށްޓެވި ހިސާބުންނެވެ.
ޝިޔާމްގެ މައިބަދައަށާއި މޭކަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރުން ދިނުމުން އެ ކަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.