ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.
އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ބުނީ، ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަން ވަނީ އަންގައިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައިވެ އެވެ.