އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ވިސާމް އެވެ.
މި ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖލީހަށް ހުށަހަޅާފައިވާ މި ބިލުގައި އެކި ސިނާއަތްތައް ފަށައި ތަރައްގީ ކުރުމަށް ބޭނުންވާ ތަކެއްޗާއި އާއްމު ދިރިއުޅުމުގައި ބޭނު ކުރާ ތަފާތު ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ވަނީ އިސްކަން ދީފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން ބައެއް ތަކެތިން ޑިއުޓި ނެގުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ވިސާމް ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވާގޮތުން މި އަހަރު ތެރޭގައި އިމްޕޯޓު ކުރާ ތަކެތީގެ ތެރެއިން ޕްލާސްޓިކް ހޮޅި އާއި ޑިސްޕޯސެބަލް ފިލްމާއި ޝީޓާއި ތަށި ފަދަ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ތަކެތިން ޑިއުޓީ ނަގާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން އެފަދަ ތަކެތި އެތެރެކުރުން އެއްކޮށް މަނާ ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
ޕްލާސްޓިކްގެ އިތުރުން ސިނގިރޭޓާއި ބިޑި، އަދި ބަނގުރާ ފަދަ ތަކެތިން ނަގާ ޑިއުޓީ ވެސް ބޮޑު ކުރުމަށް ވަނީ ވިސާމް ހުށަހެޅި ބިލުގައި ހިމަނައިފަ އެެވެ. އަދި ކާރާއި ޖީޕާއި ވޭން ފަދަ ތަކެތީގެ ތެރެއިން ބޭނުން ނުކޮށް ހުންނަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ފަހު ބޭނުންކޮށްފައި ހުންނަ ތަކެތިން ނަގާ ޑިއުޓީ 300 ޕަސެންޓަށް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އަދި މި އިސްލާހުގައި ދޮންނަ މެޝިނާއި އޭސީ އަދި އިންވާޓަރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ދުއްވާ އެއްޗެހިން މިހާރު ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމެނާފަ އެވެ.