twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާބަނޑު މީހުން ސްކޭންކުރެވޭނެ އިންތިޒާމާއެކު ކޭއާރުއެޗުގެ ޓީމެއް ރަށްތަކަށް

އަބްދުލް ވާހިދު ޙަސަން
Jun 11, 2020
1

މާބަނޑު އަންހެނުން ސްކޭނިންގ ކުރުމުގެ އިންތިޒާމާއެކު ހދ އަތޮޅުގެ ހުރިހާ ރަށަކަށް އައުޓްރީޗް ޕްރޮގުރާމެއް ފަށަން ހަމަޖެހިފައިވާކަމަށް ސަރަހައްދީ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މި ޕްރޮގުރާމް ފަށަން އެ ހޮސްޕިޓަލުން ނިންމީ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އަދި އާންމު ފެރީ ދަތުރުތަކުގެ ހިދުމަތް ނުފަށާތީ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، އައުޓްރީޗް މި ޕްރޮގުރާމްގައި މާބަނޑު މީހުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސްކޭނިންގ ޑޮކްޓަރެއްވެސް ހިމެނޭނެ ކަމަށެވެ. އަދި މާބަނޑު މީހުން ސްކޭންކުރުމަށްޓަކާ ޕޯޓަބަލް ސްކޭނިންގ މެޝިނެއްވެސް މި ޕްރޮގުރާމް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

މިމަހު 13 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ މި ޕްރޮގުރާމްގައި މާބަނޑު މީހުންގެ ޑޮކްޓަރުންގެ އިތުރުން އެރަށްރަށުން އެދިފައިވާ އެހެން ބަލިތަކުގެ ހާއްސަ ޑޮކްޓަރުންވެސް ވަނީ މި ޓީމުގައި ހިމަނާފައި އެވެ. އެގޮތުން އެންމެ ފުރަތަމަ މި ޕްރޮގުރާމް ފަށަން ހަމަޖެހިފައިވަނީ މަކުނުދޫންނެވެ. އެރަށަށް މާބަނޑު މީހުން ޑޮކްޓަރުންގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރެއްވެސް ދާނެ އެވެ.

ހދ އަތޮޅުގެ ތިބި މާބަނޑު މީހުންގެ އަދަދު

  • ނޮޅިވަރަމް - 16
  • ހަނިމާދޫ - 16
  • މަކުނުދޫ - 14
  • ކުމުންދޫ - 8
  • ނޮޅިވަރަންފަރު - 7
  • ނެއްލައިދޫ - 7
  • ކުރިނބީ - 6
  • ނޭކުރެންދޫ - 5
  • ނާވައިދޫ - 4
  • ފިނޭ - 4
  • ވައިކަރަދޫ - 2
  • ހިރިމަރަދޫ - 2

އެގޮތުން ބައެއް ރަށްރަށުން އެދިފައިވާގޮތަށް މި އައުޓްރީޗް ޕްރޮގުރާމުގައި އެތެރެހަށީގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުން އަދި ކުޑަކުދިންގެ ޑޮކްޓަރުން ހިމެނެ އެވެ.

ކުޅުދުއްފުށި ސިޓީ ނުހިމަނައި ހދ އަތޮޅުގައި މާބަނޑު މީހުންގެ ގޮތުގައި މިވަގުތު 94 މީހަކު ތިބިކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެ ހޮސްޕިޓަލުގެ ސްކޭނިންގ ޑޮކްޓަރެއް މިހާރު ދަނީ ކ މާފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންނެވެ. އަދި ހަމަ ހއ އަދި ށ އަތޮޅު ހޮސްޕިޓަލަށްވެސް ކޭއާރުއެޗުގެ ސްކޭނިންގ ޑޮކްޓަރުން ގޮސް، ކޮންމެ މަހަކު އަންނަނީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355