twitterviber whatsapp telegramfacebookyoutube instagram
25th April 2024

މި ދެމަފިރިން: ހިލޭ ސާބަހަށް ގައުމީ ހިދުމަތުގައި!

އަބްދުލް ވާހިދު ޙަސަން
Jun 13, 2020
11

ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ބަލާއާފާތުގެ ބަލިމަޑުކަމުގެ ތެރެއިން އެތައް ގިނަ "ހީރޯ"އިން އަހަރެމެންނަށް ފެނިގެން ގޮސްފި އެވެ. ސުޕަހީރޯއިންނަށްވުރެ ވެސް ވަރުގަދަ ހީރޯއިންނެވެ. އޭގެ ތެރެއިން ބައެއް ހީރޯއިންނަކީ އެމީހުންގެ ވާހަކަތައް ނީވި އެހެނަސް އެތައް ހިދުމަތްތަކެއްކޮށް ދިނުމަށް ގައުމީ ހިދުމަތުގައި ލެއާއި ފެހި އަދި ހުދުގެ ދިފާއުގައި ތިބި މީހުންނެވެ. އޭގެ އެތައް މީހުންގެ ތެރެއިން މިފަހަރު ދައްކަން މި އުޅެނީ ކުޅުދުއްފުށީ ސިޓީގެ ފަހުރުވެރި ދެމަފިރިއެއްގެ ވާހަކަ އެވެ. އަހުމީމް ޒަކަރިއްޔާ އާއި އޭނާ އަންހެނުން އަމްސޫދާ އެވެ.

ކޮވިޑާއެކު ކުރިމަތިވި ބިރުވެރިކަމާއެކު، ހިލޭ ސާބަހަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މިއަދާ ހަމައަށްވެސް މި ދެމަފިރިން އެދަނީ ނަމޫނާ ދައްކަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެންމެ ފުރަތަމަ ވޮލެންޓިއަރުން ހޯދުމަށް ގޮވާލުމުން، އަހުމީމް އެކަމުގައި ބައިވެރިވި އެވެ. އެދުވަހުން ފެށިގެން ދެ ގޮތެއް ނުވެ އެތައް ވަގުތެއް އެތައް ހިދުމަތެއް މި ސިޓީއަކަށްޓަކައިކޮށް ދީފި އެވެ. ބަދަލުގައި އަހަރެމެންނަށް ބުނެލެވެން އޮތީ ޝުކުރިއްޔާއޭ އެކަންޏެވެ.

މޯލްޑިވްސް ކެޑޭޓް ކޯގެ މޭޖާއެއްގެ މަގާމުގައި ހުންނެވި އަހްމީމަށް މިއީ އާކަމެއް ނޫނެވެ. ސުނާމީ ކާރިސާގައިވެސް އޭނާ ގައުމަށް ހިދުމަތްކޮށްދިނެވެ. އޭރު އޭނާ ހުންނެވީ ޖަލާލުއްދީން ސްކޫލުގެ ކެޑޭޓް އިންސްޓްރަކްޓަރެއްގެ މަގާމުގައި، އެ ދުވަހުވެސް އަހުމީމް ދައްކައިދީނީ ގައުމަށް، ރަށަށް އޮތް ލޮއެއްބެވެ. އެދުވަހުވެސް ސަތޭހާއެއްހާ ކެޑޭޓުން ގޮވައިގެން ނުކުމެ ރަށުތެރެ އާއި ގެތައް ސާފުކުރުމަށް އެންމެ ފުރަތަމަ ހަރަކާތްތެރިވީ ކެޑޭޓުންނެވެ. އެދުވަހެކޭ އެއްގޮތަށް މިއަދުވެސް ކެޑޭޓްގެ ފަރާތުން ފެންނަނީ ގައުމީ ޖޯޝާއި އަދަޔާ ހިލާފު ހިތްވަރެވެ.

"ވޮލެންޓިއަރުން ހޯދުމަށް ހޮސްޕިޓަލުން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ބޭނުން ހިފީ، އެއަށްފަހު އެތަނުގެ އޭރު ހަވާލުކުރި މަސައްކަތްތައް ނިންމާލުމަށްފަހު މަސައްކަތް ނެތި ދެ ތިން ދުވަސްވުމުން ކައުންސިލްގެ ރައީސްއަށް މެސެޖްކުރައްވައި ހިލޭ ސާބަހަށް މަސައްކަތްކުރަން ތައްޔާރަށް ހުރި ކަން ހާމަކުރީ،" އަހުމީމް ބުންޏެވެ.

އެދުވަހަށް ފަހު އަނެއްކާވެސް މަސައްކަތް ފަށާގަތީ އެވެ. ކައުންސިލްގައި ގާއިމުގައިވާ ޓާސްކް ފޯސްގެ ދަށުން އަހުމީމްގެ މަސައްކަތަށް ފެށީ އެވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ޑެލެވަރީ ޓީމާއެކު އެވެ. ފުރަބަންދުކޮށް ކާފިއު ހިންގާފައިވާތީ އެންމެ ބުރަ އެއްބަޔަކަށްވީ ޑެލިވަރީ ޓީމެވެ. ގޭބިސީތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެވެ. އެކަމުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ގައުމީ ކެޑޭޓް ކޯއިން އަންގައިގެން ދެން އަހުމީމު ނުކުންނަށް ފެށީ ބަނދަރުގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ޑެސްކްގެ މަސައްކަތަށެވެ.

އަހްމީމްގެ އަންހެނުން، އަމްސޫދާވެސް ފާހަގަކުރެވިފައިވަނީ އެފަދަ ދެވަނަ އެއް ނެތް ދަރުމަވެރިއެއްގެ ގޮތުގައި އެވެ. ރެޑްކުރެންސެންޓްގެ ފަސްޓްއެއިޑް ކޯސް ފުރިހަމަ ކުރުމަށްފަހު އަމްސޫދާ ހަރަކާތްތެރިވަމުން ދަނީ ރެޑްކުރެންސެންޓްގެ ދަރުމަވެރިއެއްގެ ގޮތުގައި އެވެ. ކޮވިޑްގެ މި ބަލިމަޑުކަމުގައި އަމްސޫދާ ވެސް ދަނީ އަހްމީމް ފަދައިން ސޯޝަލް ސަޕޯޓް ޑެސްކްގައި ހިދުމަތްކުރަމުންނެވެ.

"އެނގިގެން ދިޔައީ ވަރަށް ގިނަ ބަޔަކު މިކަމުގައި ހާލުގައި ޖެހިފައި ތިބިކަން، ވަރަށް ގާތުން ފެނުނު، އެ މީހުންގެ ގެޔަކަށް ގޮސް ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގައި އުޅެވުން، އެއީ މިކަމުން ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ހަތަރު ކުދިންގެ މަންމަ އަމްސޫދާ ބުންޏެވެ.

މިދަނޑިވަޅަކީ މާލީގޮތުން އެއްވެސް ބަޔަކަށް މާބޮޑު އެހީތެރިކަމެއް ދެވޭނެ ވަގުތަކަށް ނުވިޔަސް ދަރުމަވެރިއެއްގެ ގޮތުގައި މިފަދަ ވަގުތެއް ރައްޔިތުންނަށް ހިދުމަތްކުރަން ލިބުމަކީ އެންމެ ބޮޑު އެއް ހިތްހަމަޖެހުންކަމަށް އަމްސޫދާ ބުންޏެވެ. އެ ހިތްހަމަޖެހުމާއެކު އުފުލަން ޖެހޭ ބުރަ އާއި އެހެން ކަންކަން ހަނދާން ނެތިގެންދެ އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި މަސައްކަތުގައި އެ ތިބީ ދެ ގޮތެއް ނުވެ، ގައުމީ ޖޯޝާއެކު އެވެ. ރެޑްކުރެސެންޓް ގޮސް ތިބި ދަރުމަވެރިންނަށް ބަލާއިރު އަމްސޫދާ ފިޔަވައި ދެން އެތަނުގައި ހަރަކާތްތެރިވަނީ އޭނާއަށްވުރެ އުމުރުގެ ގޮތުން ހަގު މީހުންނެވެ.

ކޮވިޑްގެ ކަންތައްތަކުގައި އެންމެ ފުރަތަމަ އަމްސޫދާ ފެނިގެންދިޔައީ ފުލޫ ކުލިނިކުންނެވެ. ފުލޫ ކުލިނިކް ރެޑްކުރެސެންޓްގެ ފަރާތުން ހިދުމަތްކުރުމަށްފަހު، ފަހުން ބަދަލުވީ ޝޯސަލް ސަޕޯޓް ޑެސްކަށެވެ.

ގޭތެރޭގައި ކުރަން ހުންނަ ކަންތައްތަކާއި ދަރިންގެ ކަންކަން ނިންމުމަށްފަހު ރޯދަމަހުގެ ދުވަސްތަކުގައި ވެސް އޭނާ ހިދުމަތްތައް ދިޔައީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިން އޮފިސަރަކަށް އުޅޭ ދެމަފިރިން އެސްއެސްޑީއަށް ގޮސް މަސައްކަތްކުރަނީ ދެ ޑިއުޓީއެއްގަ އެވެ. އެހެންކަމުން އަބަދުވެސް ކޮންމެވެސް އެކަކު ދަރިން ކައިރީގައި ގޭގައި ހުރެ އެވެ.

ހިލޭ ސާބަހަށް ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މި ދެ މަފިރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. ކެޑޭޓްގެ ހަރަކާތް ފުޅާކުރުމުގައި އުތުރުގެ ގިނަ ރަށްތަކަށް ގޮސް އެތަކެއް ހާސް ދަރިވަރުން ކެޑޭޓްގެ ދާއިރާއަށް ނެރެދީފައިވާ އަހުމީމް ބުނީ، އޭނާއަށް ކެޑޭޓްގެ ތެރެއިން އެންމެ ބޮޑަށް ދަސްވީ ގައުމީ ހިދުމަތްކަމަށެވެ.

"އަޅުގަނޑުމެންނަށް ކެޑޭޓް ކިޔަވައިދެއްވި ބޭފުޅުން ދެއްވި ނަސޭހަތަކީ ކޮންމެ ގައުމަކަށްވެސް އަންނާނެޔޭ ވަގުތުކޮޅުތަކެއް، އެ ދަނޑިވަޅުތަކުގައި ގައުމަށް ހިދުމަތްކުރަން ޖެހޭނެޔޭ، އެއީ ވަކި މީހަކު ބުނެ ނުވަތަ އަންގައިގެން ކުރަން ޖެހޭނެކަމެއް ނޫންކަމަށް،" އީޕީއެސް ސްކޫލުގައި ކިޔެވި ދުވަސްވަރު މަތިން ހަނދާން އާ ކުރައްވަމުން އަހުމީމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ރަސްމީކޮށް މިހާރު ބަނދަރު ބެލެހެއްޓުމުގެ ކަންކަމުގައި އުޅުއްވާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންގެ ފަރާތުންނެވެ. އެކުވެރި މާހައުލެއްގައި މަސައްކަތްކޮށްލަން ލިބޭތީ އެވެ. އޭނާއާއެކު މިހާރު ކެޑޭޓްގެ އިތުރު ހަތަރު އިންސްޓަކްޓަރުންވެސް ބަންދަރުގައި ދަނީ ފުލުހުންނާއެކު ފޯރިމަރަމުންނެވެ. ކެޑޭޓްގައި މިވަގުތު އިސްކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށާ ހާއްސަކޮށް ގައުމީ ކެޑޭޓް ކޯގެ ޑީޖީ އިޝާންގެ ނަން ފާހަގަކުރެއްވި އެވެ. އަދި ޖަލާލުއްދީން ސްކޫލްގެ ކުރީ ޕްރިންސިޕަލް ސައީދު އަހުމަދުގެ ނަން ވެސް އަހުމީމް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.

"އިޝާން ސަރ އަކީ ބައްޕައެއް ކަހަލަ ބޭފުޅެއް. އެހެންވެ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ. އަދި ޖަލާލުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ސައީދު ސަރ އަކީވެސް އަޅުގަނޑަށް އެތަކެއް ފުރުސަތުތަކެއް ހޯދައިދެއްވި ކެޑޭޓްގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރުވަން މަސައްކަތްކުރެއްވި ބޭފުޅެއް. އަދި އަފީފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އާދަމް މޫސާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އަފީފުއްދީން ސްކޫލުގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ އަހުމީމް ވިދާޅުވި އެވެ.

އަހުމީމު މިދަނޑިވަޅުގައިވެސް އެންމެ ބޭނުންވާ އެއްކަމަކީ ހަރުދަނާ ޖީލެއް ބިނާކުރުމެވެ. އެކަމުގެ މުހިންމުކަން އެންމެ ބޮޑަށް އިހްސާސްވާނީ މިފަދަ ވަގުތުތަކުގައި އެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި ހަރުދަނާ ޖީލެއް ބިނާކުރުމުގެ މުހިންމު ދައުރެއް ސްކޫލުތަކުން ކުރެވޭނެ އެވެ. އެގޮތުން ފާހަގަކުރެއްވީ ޔުނިފޯމް ހަރަކާތްތަކެވެ. ޔުނިފޯމް ކޮންމެ ބޮޑީއަކީވެސް އެ ގެންދަން ޖެހޭ ގޮތަށް ގެންގޮސްފިނަމަ ހަރުދަނާ ޖީލެއް ބިނާކުރުމަށް މުހިންމު ދައުރެއް ކުޅެދޭނެ ކަމެކެވެ. އެކަމަކު ފޮޓޯގަނޑެއް ނަގާލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތްތަކުން މާބޮޑު މަންފާއެއް ދަރިވަރުންނަށް ނުކުރާނެކަން އަހުމީމް ފާހަގަކުރެއްވި އެވެ.

އަހުމީމުގެ ވާހަކަތައް ނިންމާލަމުން އޭނާ ވަނީ ދެ ފަރާތުން އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށްވެސް ޝުކުރުއަދާކުރެއްވި އެވެ. އަދި ކުޅުދުއްފުށި ޓާސްކް ފޯސްއަށްވެސް ދެ ބޭފުޅުން ވަނީ ޝުކުރު އަދާކުރައްވާފައި އެވެ. މިފަދަ ހައްސާސީ ދަނޑިވަޅުތަކުގައި ގައުމު ދެކެ ލޯބިވާ ފަރާތްތަކުން އެނގިގެންދެ އެވެ. ހިލޭ ސާބަހަށް އެތަކެއް ވަގުތެއް ގުރުބާން ކުރެ އެވެ. އެފަދަ އެންމެހާ ފަރާތްތަކަށް އެދެނީ ބާޖަވެރި ހަޔާތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355