ނިއު ނޯމަލްގައި ސްކޫލްތަކުން ކިޔަވައިދޭނީ ހަފުތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވި ސާކިއުލާގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތަށް ކިޔަވައިދިނުމަށް، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރިން ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކަންކަން ތަރުތީބުކުރަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
މީގެ ކުރިން ރަސްމީ ފަސް ދުވަހު ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް ނިއު ނޯމަލްގައި ކިޔަވައިދޭނީ ހަތަރު ދުވަހު ކަމަށާއި ފަސްވަނަ ދުވަހަކީ ޓީޗަރުން ސްކޫލަށް ގޮސް، ކިޔަވައިދޭނެ ބައިތައް ހަމަޖައްސާ ދުވަހެވެ.
ސްކޫލްތަކުގެ ކިޔެވުން އަލުން ފަށައިގަންނާނީ ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ސާކިއުލާއާ އެކު ފޮނުވި އިރުޝާދުތަކުގައިވާ ގޮތުން، ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓަގަރީއަކަށެވެ. ފުރަތަމަ ކެޓަގަރީގައި ފާހަގަކޮށްފައިވާ ގޮތުން، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑު 11، 12) ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭއިރު ކޮވިޑް-19 ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެ އެވެ.
ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 3،2،1 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ހިމެނެނީ ކީ ސްޓޭޖް ތިނެއްގަ އެވެ.
ކިޔަވައިދޭ އުސޫލަށް ގެންނަ ބަދަލުތަކާއެކު ކޮންމެ ދުވަހަކު ވެސް ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. ސްކޫލްގައި ކިޔަވައި ނުދެވޭ ބައިތައް ފުރިހަމަކުރަން ޖެހޭނީ ގޫގުލް ކްލާސްރޫމް މެދުވެރިކޮށެވެ. އަދި ކޮންމެ ދެ ހަފުތާއިން އެއް ހަފްތާގައި ޓީޗަރުންނަށް އޮންލައިން ކްލާސްތައް ވެސް ބާއްވާނެ އެވެ.
ގައިދުރުކަން ބެހެއްޓުމާ އެކު ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖައްސަންޖެހެ އެވެ. އަދި ހުރިހާ ދަރިވަރުން ވެސް ޓެލިކިލާހާއި އޮންލައިންކޮށް ބާއްވާ ކްލާސްތަކުގައި ބައިވެރިވާން ޖެހޭނެ އެވެ.
ބައެއް ސްކޫލުތަކުގައި ނިއު ނޯމަލްގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.