ކޮވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގެ ރަށްތަކަށް ފެތުރިފައިވާ މިހާލަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ބަތަލުން ފާޅުވަމުންނެވެ. ގައުމީ ލޮތްބާއި ޖޯޝުގައި މަސައްކަތްކުރާ އެތަކެއް ބައެއް އުޅޭކަންވެސް ފާހަގަކުރެވެނީ މިފަދަ ދަތި ވަގުތުތަކުގައި އެވެ. ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމާގައި މައިދާނުން ފެނިގެންދަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޚިދުމަތްތެރިން އެކަންޏެއް ނޫނެވެ. ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ އަސަރު އެތައް ބަޔަކަށް ކޮށްފައިވާތީ އިޖްތިމާއި ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެތައް ބަޔަކަށް އެހީވެ އެތަކެއް ކަމެއް ރާވައި ބަލަހައްޓަން ވަނީ ޖެހިފައެވެ.
އެގޮތުން އުތުރުގެ އެންމެ ގިނަ ބަޔަކު ބަރޯސާވާ ކުޅުދުއްފުށި ސިޓީގެ ސޯޝަލް ސަޕޯޓް ޑެސްކަކީ އަތޮޅުތެރޭގައި ހުރި އެންމެ ބިޒީ ޑެސްކެވެ. ދާދި ފަހަކާ ޖެހެންދެން 24 ގަޑިއިރު އެތަނުން ހިދުމަތްދިނެވެ. ވަރަށް ގިނަބައެއްގެ ވަގުތާއި ބުރަ މަސައްކަތެވެ. މިތަނުގައި ވޮލަންޓިއަރުންގެ ގޮތުގައި ފާހަގަ ކުރެވުނު ދެ ޒުވާނެއްގެ ވާހަކަ ލިޔެވޭތޯ ބަލާނަމެވެ.
އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރަނޮޓިކްސްގައި ޕައިލެޓް ޓްރެއިނިންގ ހަދަމުންދާ މުހައްމަދު ހުސައިން، ތިތިލި (24) އަދި އަބުދުއްރަޝީދު އިބްރާހިމް (އަބްސީ)، ރަސްފުށި (21)، ކޮވިޑާ ގުޅިގެން ފްލައިން ސްކޫލުގެ ކިޔެވުން މެދުކަނޑާލުމުން މިސްރާބު ޖެހީ އުފަން ރަށަށް ކުޅުދުއްފުއްޓަށެވެ.
އެގޮތަށް ރަށަށް އެކި ސަބަބުތަކާ ހުރެ ބަދަލުވި ޒުވާނުންނާއި ހިލާފަށް މި ދެ ޒުވާނުން ފެނިގެން ގޮސްފައިވަނީ ރަށުގައި ކޮވިޑްއާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުންނެވެ.
އެގޮތުން މުހައްމަދަށް ރަށަށް އައުމުގެވެސް ކުރިއަށް އެންމެ ފުރަތަމަ އިޖާބަ ދީފައިވަނީ ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް އިން ކޮވިޑްއާ ގުޅިގެން ކުރެވުނު ސާރވޭއަކަށް ވޮލަންޓިއަރުން ހޯދަން އާންމު ކުރި މެސެޖަކަށެވެ. ރަށަށް އައި ފުރަތަމަ ދުވަހު ސާރވޭއާއި ގުޅިގެން ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވިއެވެ. ސާރވޭ ކުރުމަށް ހަރަކާތްތެރިވި އެންމެ ޒުވާން އެއް މޫނަކީ މުޙައްމަދެވެ. އޭގެފަހުން ރަށުގައި ކާފިއު އިޢުލާންކުރުމުން ދެން މުހަންމަދު ހަރަކާތްތެރިވީ ޓާސްކް ފޯސްގެ ޑެލިވަރީ ޓީމްގައެވެ. އެގޮތުން ހަފްތާއެއް ވަންދެން ބޭހައި އެހެނިހެން ތަކެތި ގެތަކަށް ފޯރުކޮށްދިނުމަށް މުހަންމަދު ވަނީ ހަރަކާތްތެރިވެފައެވެ.
ޑެލިވަރީ ޓީމްގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ކައުންސިލްއިން ހިންގަމުން އައި ޝޯސަލް ސަޕޯޓް ޑެސްކުގައި ގިނަ މަސައްކަތްތަކެއް ހުރުމާއެކު އިތުރަށް ވޮލަންޓިއަރުން ބޭނުންވާކަން މުހަންމަދު އެނގުމުން އެކަމުގައި ބައިވެރިވާނެ ގޮތް އޮޅުން ފިލުވައި އެކުގައި ކިޔަވަމުން އައި ރަހްމަތްތެރި އަބްސީއަށް މައުލޫމާތުދީ ދެޒުވާނުން ރެޑްކުރެޒެންޓާއި ގުޅި ލަސްނުކޮށް ސޯޝަލް ސަޕޯޓް ޑެސްކުގައި ހަރަކާތްތެރިވާން ފެށިއެވެ.
ސޯޝަލް ސަޕޯޓް ޑެސްކުގައި ދެ ޒުވާނުންގެ މަސައްކަތާއި ދައުރާއި ގުޅޭގޮތުން ސުވާލު ކުރުމުން ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ އަދި ޓާސްކް ފޯސް މެމްބަރު ޢަބްދުﷲ އާދަމް ވިދާޅުވީ ދެ ޒުވާނުން ފާހަގަ ކުރެވިފައިވަނީ ވަރަށް ތަފާތު، ހިވާގި އަދި ކަމަށް ވަރަށް ގާބިލް ރަށަށް ހިދުމަތް ކުރުމުގެ ރޫހު އިންތިހާއަށް އެފަރާތްތަކުގެ ހިތްތަކުގައި އަށަގެންފައިވާ ރަށްދެކެ ލޯބިވާ ދެވުނާނުންގެ ގޮތުގައެވެ. އެގޮތުން ސޯޝަލް ސަޕޯޓް ޑެސްކުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވަރަށް އަވަދިނެތި ކޮށްފައިވާ ކަމާއި ގިނަ ކަންތަކަށް ވަރަށް ރަނގަޅު ހިޔާލު ހުށައަޅާފައި ވާކަންވެސް ވަނީ ފާހަގަ ކޮށްފެއެވެ. ހިދުމަތުގައި ދުވާލާއި ރޭގަނޑު ހޭދަކޮށް ހަވާލު ކުރެވުނު ކޮންމެ މަސައްކަތެއް ވަރަށް އަވަހަށް ދަސްކޮށް އެތައް ގޮތަކަށް ފޯރުކޮށްދީފައިވާ ލާމަސީލު ދެ ޒުވާނުން ގޮތުގައި މި ދެފަރާތް ކުޅުދުއްފުށި ކައުންސިލްގެ ޑިރެކްޓަރ ސިފަ ކުރެއެވެ.
އެ ގޮތުން ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކަށް އެހީވުމަށާއި މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމާއި، ރިސޯޓްތަކާއި ރަށުން ބޭރުން އަންނަ ފަރާތްތަކުގެ އިންތިޒާމާއި ދަތުރުގެ ލޮޖިސްޓިކްސް މޮނިޓަރ ކުރުމާއި މިފަދަ އެތައް ކަމެއްގައި ހަރަކާތްތެރިވެފައިވާ ކަމުގެ މަޢުލޫމާތު ސޯޝަލް ސަޕޯޓް ޑެސްކުގެ މަސައްކަތް ސުޕަވައިޒް ކުރަން އުޅުއްވި ކައުންސިލްގެ ޑިރެކްޓަރ ޢަބްދުﷲ އާދަމް މި ނޫހަށް ދެއްވިއެވެ.
އަދި މީގެ އިތުރުން މި ދެ ޒުވާނުންގެ ހިދުމަތް ކުރުމުގެ ރޫހައި ހުނަރު އެހެން ގޮތަކުންވެސް ފެނިފައިވާކަން ޑިރެކްޓަރު ހިއްސާ ކުރިއެވެ. "އެ ދުވަހެއްގައި ދެބޭފުޅުން އެސް.އެސް.ޑީގައި ވަރަށް ގިނަ ވަގުތު މަސައްކަތް ކުރުމަށްފަހު ޑިއުޓީ ނިމެން ކައިރުވެފައި ވަނިކޮށް އަޅުގަނޑު އެދުނިން ވައިގަދަވެ، ވިއްސާރެވެ، ފެންބޮޑުވާން ފެށުމުން ކައުންސިލް އިން ގާއިމް ކުރި އެމަރޖެންސީ އޮޕަރޭސަން ސެންޓަރުގައި ރޯދަ ވީއްލަން ދާންދެން އުޅެލަދެން ވީނުންހޭ. ދެން ދެފަރާތް ވެސް ސެންޓަރުގެ ސެޓްއަޕް ހަދައި ކަންކަން ވަރަށް އަވަހަށް އިންތިޒާމް ކޮށްލައިފި. އިރުކޮޅަކުން ޕައިލެޓް ޓްރެއިންގައި މޫސުން ދިރާސާ ކުރުމަށް ކިޔަވާފައި ލެސަން ތަކުގެ އެހީގައި އެކަމާ ގުޅޭ ވެބްސައިޓެއްގެ މެދުވެރިކޮށް މޫސުން ކިޔައިދޭން ފެށި. ވަރަށްވެސް ސީދާ. ހުރިހާ ގޮތަކުންވެސް ހަމަ ފާހަގަ ކުރެވޭ ދެ ޒުވާނުން." ޑިރެކްޓަރ ކިޔައިދިނެވެ.
ރެއާ ދުވާލު މި ދެ ޒުވާނުން ދިޔައީ އެސްއެސްޑީގައި މަސައްކަތްކުރަމުންނެވެ. ރޯދައެއް އީދެއް، ހުކުރެއް ކިޔާނިކަމެއް ނެތެވެ. ބައެއް ދުވަސްތަކުގައި 16 ގަޑިއިރާއި 12 ގަޑިއިރުވެސް މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެސްއެސްޑީއަށް ފަހުން އައި ވޮލެންޓިއަރުންނާއި ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމުގައިވެސް މި ދެ ޒުވާނުން ހަރަކާތްތެރިވެފައި އެބަހުއްޓެވެ.
ދެ ޒުވާނުންނާއި އެފަރާތްތަކުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާލުމުން ބުނީ ސޯޝަލް ސަޕޯޓް ޑެސްކުގެ މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކާއި ހުނަރުތައް ދަސްވެފައިވާ ކަމަށެވެ. އެގޮތުން ސްޓްރެސްފުލް ސިޓުއޭޝަންސްގައި މަސައްކަތް ކުރާނެ ގޮތާއި، ތަފާތު މިޒާޖުގެ މީހުންނާއެއްކޮށް އެއްޓީމެއްގައި މަސައްކަތް ކުރާނެ ގޮތާއި މުޢަމާލާތް ކުރުމުގެ ހުނަރާއި މިފަދަ ކަންތައްތައް ދަސްވެފައިވާކަން ދެ ޒުވާނުންވެސް ފާހަގަ ކުރެއެވެ.
އަދި މީގެ އިތުރުން މިފަދަ ހައްސާސް ވަގުތެއްގައި ރަށާއި ސަރަހައްދުގެ މީހުންނަށް ހިދުމަތް ކޮށްދީ ބޭނުންތަކަށް ޖެހިފައިވާ މީހުންނަށް އެހީވުމުގެ ފުރުސަތު ލިބުމުން ބުނަންވެސް ނޭނގޭފަދަ އިހްސާސްތަކާއި ޝުއޫރުތަކެއް ހިތުގައި އަށަގަންނަކަމަށް ދެ ޒުވާނުންވެސް ފާހަގަ ކުރެއެވެ.
އަބްސީ އަދި މުހަންމަދު ޕައިލެޓް ޓްރއިނިންގ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. ދެ ޒުވާނުންވެސް އެކަނި އުދުހުމުގައި ލޮގް ކުރަންޖެހޭ ހުރިހާ ގަޑިއެއް ވަނީ ހަމަކޮށްފައެވެ. ދެން ބާކީ އޮތީ އިންސްޓްރޫމެންޓަލް ފްލައިން އަދި ނައިޓް ފްލައިން ގަޑިތައް ހަމަ ކުރުމާއި ޗެކް ރައިޑްސް ފުރިހަމަ ކުރުމެވެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ދެ ޒުވާނުންގެ ޕައިލެޓް ޓްރެއިނިންގ ކުރިއަށް އޮތް 10-8 މަސްތެރޭ ނިމޭނެއެވެ.
ހަމަ ޔަގީނުންވެސް ދެ ޒުވާނުންގެ މި ޙިދުމަތް މުޅި ކުޅުދުއްފުށި ބަލައިގަންނާނެއެވެ. ދެ ޒުވާނުންވެސް ވެގެންދާނީ ކުޅުދުއްފުށީ އެބަޔަކަށްޓަކައި ފަހުރުވެރިވާ ކުޅުދުއްފުށީގެ ޒުވާން ދެ ދަރިންގެ ގޮތުގައެވެ.
ހަމައެކަނި ފާޑު ކިޔަން ތިބުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކުވެސް ރަށަށް އެހީތެރިކަން ބޭނުންވެފައި ކަންކަން ދެނެގަނެ އެކަންކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެނަމަ މައްސަލަތައް ހައްލުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަން ދެ ޒުވާނުންވެސް ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް ފަދަ މުވައްޒަފުން މަދު ރައްޔިތުންނާ ގުޅުން ބޮޑު ތަންތަނުގެ ހާލަތު އަމިއްލައަށް ތަޖުރިބާކުރެވި، ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް އެނގިގެންދާނެ ކަމަށެވެ. އެހެންވުމުން ރަށުގައި އުޅޭ ފަންނީ އަދި އެހެނިހެން ފަރާތްތަކުންވެސް ކުރިއަށް އޮތްތަނުގައި މިފަދަ ގައުމީ އަދި އިޖުތިމައީ މަސައްކަތުގައި ފެނިގެންދާނެކަމަށް އުންމީދުކުރާކަމަށް ދެ ޒުވާނުން ބުންނެވެ.
އައްޑޫއަށް ދިޔަ ކަމުގައިވިޔަސް އަދި ވަޒީފާގެ ގޮތުން އެހެން ތަނެއްގައި އުޅެން ޖެހުނު ކަމުގައިވިޔަސް ރަށަށް ދެ ޒުވާނުންގެ ހިދުމަތް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތައްޔާރަށް ތިބޭނެ ކަމުގެ ޔަގީންކަން ދެ ޒުވާނުން ދެއެވެ.
އަޅުގަނޑުމެން އެންމެންވެސް ދެ ޒުވާޏުންނަށް އެދެނީ ކާމިޔާބީއާއި އަދަށް ވުރެ ފެހި މާދަމާއެކެވެ.