މި ސަރުކާރަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އަދި ސަރުކާރު ސަލާމަތް ކުރަން ގާނޫނުން ތަން ދިން ހުރިހާ ކަމެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސް އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. ރައީސް ސޯލިހަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށެވެ. މަޖިލީހުގައި އޮތީ ހަމަ އެ ޕާޓީގެ ސުޕަ މެޖޯރީޓީ ކަމަށެވެ. މަޖިލީހުން ވެސް އަދި އެމަނިކުފާނު ވެސް ސަރުކާރަށް ގެއްލުން ލިބޭނެ ކަމަށް ނުކުރާނެ ކަމަށެވެ.
އަދި ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް މަޖިލީހުން ވަންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހައަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަންނަ ކަމަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ވިދާޅުވެ އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ނުތަނަވަސްކަމެއް އުފެދިގެން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވެފައިވެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެ ކަން ދޮގު ކުރައްވަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މައްސަލައަކީ ސަރުކާރަށް މަދަދުގާރީވެ އެއްބާރުލުން ދީގެން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވެސް ކުރުމެވެ. ގުޅިގެން މަސައްކަތް ކުރަން އެއްވެސް ދަތި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.