twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހޯމް ކަރަންޓީނަށް 41 މީހަކު އަތުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 15, 2020

ހޯމް ކަރަންޓީނަށް ހުޅުވާލި ފުރުސަތުގައި 41 މީހަކު މިއަދު މާލެއިން ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ. މިއީ ހޯމް ކަރަންޓީނަށް ހުޅުވާލި ފަހުން ކުޅުދުއްފުއްޓަށް އައި ފުރަތަމަ ގުރޫޕެވެ.

މީގެ ކުރިން ރިސޯޓްތަކުގައި ކަރަންޓީނު ވުމަށްފަހުވެސް ގިނަ ބަޔަކު ވަނީ ކުޅުދުއްފުއްޓަށް އައިސްފައި އެވެ. އަދި ކަނޑުމަތިންނާއި އެހެނިހެން ގޮތްގޮތުން މާލެ ސަރަހައްދުން އައި މީހުން ކޭޕީއެލްގެ ގެސްޓްހައުސްގައި ދިޔައީ ކަރަންޓީނުކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކަރަންޓީނުކުރާ އުސޫލަށް ބަދަލުގެނެސް، ރަށްރަށުގައި ވަކި އުސޫލުތަކެއްގެ ދަށުން ވަނީ ހޯމް ކަރަންޓީނުކުރާ ގޮތަށް ހަމަޖައްސާފަ އެވެ. އެހެންވުމުން ހޯމް ކަރަންޓީނަށް މާލެއިން ކުޅުދުއްފުއްޓަށް އައުމަށް ހުޅުވާލުމުން 59 މީހަކު ނަންނޯޓްކުރި އެވެ. އެކަމަކު ފަހުން އެއަދަދު ވަނީ 52 އަކަށް މަދުވެފައި އެވެ.

އެކަމަކު އެކި ސަބަބުތަކާ ހެދި ފުރަތަމަ ބުރުގައި އާދެވުނީ 41 މީހަކަށެވެ. އެތަނުން 7 މީހަކު ގެންގޮސްފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ކޭޕީއެލްގެ ގެސްޓް ހައުސަށެވެ. އެ މީހުން އެތަނަށް ގެންދިޔައީ އެ މީހުންގެ ގޭބިސީތައް ކަރަންޓީނުގެ މިންގަނޑަށް ނުފެތޭތީ އެވެ.

ބާކީ ތިބި 34 މީހުން ހޯމް ކަރަންޓީނުކޮށްފައިވާއިރު އެ މީހުން ކަރަންޓީނުކޮށްފައިވާ ގޭބިސީތަކުގެ ބޭރުގެ ދޮރުގައި ވަނީ އެކަން އެންގުމުގެ ގޮތުން ލިޔުން ހަރުކޮށްފައި އެވެ. އެގޮތުން 18 ގެޔެއް ވަނީ ކަރަންޓީނުކޮށްފައި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީން ވުމަށްފަހު އަދި ބޭރުން އަންނަ ބޭނުން މީހުން 24 ދުވަސް ވަންދެން ގޭގައި ކަރަންޓިންވާން ޖެހެ އެވެ.

ނަމަވެސް ޓެގް ޓީމްގެ އެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައި އެވެ. ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން 24 ދުވަހު ކަރަންޓީންގައި ތިބެން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދާނެކަމަށާއި، ޕީސީއާރު ޓެސްޓް ނެގެޓިވްވުމުން އެމީހަކު ދޫކޮށްމަށްކަމަށް މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވެފައިވަނީ މިހާރުގެ ތަޖުރިބާއަށް ބަލާއިރު އެފަރާތްތަކުގެ ސާމްޕަލް ނެގޭނެ ކަމަށް އަންދާޒާ ކުރެވެނީ ކަރަންޓީނު ކުރާތާ 15 ވަނަ ދުވަހު ކަމަށެވެ. އަދި 15 ވަނަ ދުވަހު ނަގާ ސާމްޕަލްގެ ނަތީޖާތައް 18 ވަނަ ދުވަހު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355