ވަރި ސާބިތުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް މީހަކު ހުށަހެޅި މައްސަލައެއްގެ ޙަބަރު ނުވާތާ ތިންމަސް ވެއްޖެ އެވެ. ވަރި ސާބިތުކުރުމަށް އަންހެން މީހާ ކޯޓަށް ފޯމުލީ މިއަހަރުގެ މާރޗުމަހުގެ 10 އެއްހާ ހިސާބުގައި އެވެ.
އެކަމުގެ ކަންބޮޑުވުންފާޅުކޮށް އެ އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ތިން މަސްވުމުންވެސް ކޯޓުގެ ޙަބަރެއް ނުވުމުން އެ މައްސަލަ ލަސްވާ ސަބަބުން ހޯދަން ގުޅުމުން ބުނީ އެ މައްސަލަ މިހާރު އޮތް ހިސާބެއް ބަލައި އަންގާނެ ކަމަށެވެ.
އެކަމަކު އެއަށްފަހުންވެސް ކޯޓުން އެކަމާ ގުޅިގެން ވަކި އެއްޗެއް ނާނގާކަމަށް އެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ކޯޓުން ވަރި ސާބިތުނުކޮށްދީ އެހާ ގިނަ ދުވަސްތަކެއްވުމުން އެކަމުގެ ނުތަވަސްކަން އޮތީ އާއިލާތެރޭގައިވެސް ބޮޑުވެފައި އެވެ.
މިކަމާ ގުޅިގެން ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މިޑީއާ އޮފިޝަލު ވިދާޅުވީ، އެފަދަ މައުލޫމާތެއް އެ ފަރާތްތަށް އަދި ލިބިފައިނުވާ ކަމަށާ މައްސަކަތައް ލަސްވާނަމަ އެފަރާތްތަށް އެންގުމުން އެކަން ބަލައި، އަވަސްކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ.
އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ލަސްވުމަކީ އަދުލް އިންސާފު ހޯދުމަށް އެފަރާތުން ކުރާ މަސައްކަތު އަމާޒު ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކޯޓުގައި ތިން ފަނޑިޔާރުން މަސައްކަތްކުރައްވާއިރު މައްސަލަތައް އާދަޔާ ހިލާފަށް ލަސްވާކަމުގެ ޝަކުވާއަކީ އަބަދުވެސް ރައްޔިތުންކުރާ ޝަކުވާއެކެވެ. ހދ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމު މިވަގުތު ހުންނެވީ ސަސްޕެންޑްކޮށްފައި އެވެ.