twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތަކެތި ގެންގޮސް ދިނުމުން ދަރިވަރުންނަށް ހިލޭ މާސްކް ފަހައިދެނީ

ނަބީލާ އިސްމާޢީލް
Jun 18, 2020

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ފެހުމުގެ މަސައްކަތްކުރަމުންދާ "ދިއުޅި ޓެއިލާ" އަށް ތަކެތި ގެންގޮސް ދިނުމުން ސްކޫލް ދަރިވަރުންގެ މާސްކް ހިލޭ ފަހައިދޭން ނިންމާ އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ޖުލައިމަހު ސްކޫލުތައް އަލުން ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު އެޑިއުކޭޝަނުން ހަމަޖައްސާފައިވާ މާސްކަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި އެވެ. އެހެންކަމުން ހުރިހާ ދަރިވަރުންވެސް މާސްކް އަޅަން ޖެހޭނެ އެވެ. މިނިސްޓްރީން އެކަން ހާމަކުރުމާއެކު ގިނަ ބެލެނިވެރިން ދުއްވާގަތީ މާސްކް ފެހުމަށެވެ.

ހުރިހާ ދަރިވަރުންނަށް މާސްކް ބޭނުންވާ މި ދަނޑިވަޅުގައި ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ދިއުޅި ޓެއިލާއިން މިވަނީ ނަމޫނާ ދައްކާފައި އެވެ. އެގޮތުން މާސްކް ފަހަން ބޭނުންވާ ސާމާނުން ގެންގޮސްދިނުމުން އެފަރާތުން ހިލޭ މާސްކް ފަހާދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސައިދީފައި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ދިއުޅި ޓެއިލާގެ ވެރިޔާ ހަމީދާ ވިދާޅުވީ ތަކެތި ދިނުމުން ހިލޭ މާސްކް ފަހައިދިނުމަށް ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަން އުޅޭތީ ހެޔޮހިތުން ބަޔަކަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. މި މަސައްކަތް ފެށީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ތިން ސައިޒެއްގެ މާސްކް ސާމްޕަލް ޓެއިލާއިން ފެންނާނެ ކަމަށެވެ. އޭގެތެރެއިން އެ މީހަކު ބޭނުންވާ ސައިޒަކަށް މާސްކް ފަހައިދޭނެ ކަމަށް ހަމީދާ ބުންޏެވެ.

އޭނާ މިކަމަށް ހުޅުވާލުމުން ހީވެސްނުކުރާހާ ބޮޑު ތަރުހީބެއް ލިބެ މުންދާ ކަމަށާ އެގޮތުން މިހާރުވެސް ވަރަށް އޯޑަރު ނަގާފައިވާ ކަމަށެވެ. މިހާރުވެސް ގިނަ އޯޑަރުތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. ހަމީދާ ވިދާޅުވީ، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށްވެސް މާސްކް ފަހައިދޭން އެދެމުންދާ ކަމަށާ އެހެންވުމުން އެ އޯޑަރުތައްވެސް ނަގަމުންދާ ކަމަށެވެ. ބެލެނިވެރިންގެ މާސްކްތައް މިވަގުތަށް ފަހާދެމުންދާނީ ހިލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަރިވަރުންނަށާއި ބެލެނިވެރިންނަށް، ސްކޫލު ހުޅުވުމާ ހަމައަށް މާސްކް ފަހައިދެމުންދާނީ ހިލޭ ކަމަށެވެ. އެކަމަކު ސްކޫލު ހުޅުވުމުން މާސްކް ފަހާދެމުންދާނީ ވިޔަފާރީގެ އުސޫލުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355