twitterviber whatsapp telegramfacebookyoutube instagram
16th April 2024

ޤާނޫނީ ކޮލަމް: ޤާނޫނީ ގޮތުން ކުއްޖެއްގެ ބެލެނިވެރިކަމާއި ހަވާލުވާން ބޭނުންތޯއެވެ؟

Jun 18, 2020

ދައުލަތުގެ ބެލުމުގެދަށަށް ނެގިފައިވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަމާއި ހަވާލުވާން ބޭނުންތޯއެވެ؟ އެކުދިންނަށް އާއިލާއެއްގެ ތެރޭގައި އަޅާލުމާއި ލޯތްބާއިއެކު ބޮޑުވުމުގެ ފުރުސަތު ހޯދައިދޭން ބޭނުންތޯއެވެ؟ އާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އެއްބައި ކަމުގައިވާއިރު، ދައުލަތުގެ ބެލުމުގެދަށަށް ނެގޭ ކުދިންނަށް ރައްކާތެރިކަމާއި، ދުޅަހެޔޮކަންމަތީ ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީއީ މާޙައުލެއް ޤާއިމުކޮށްދެވޭނީ، އެކުދިންގެ ބެލުމާއި ހަވާލުވެ، މުހިންމު ކަންތައްތައް އެކުދިންނަށް ފޯރުކޮށްދީގެން ކަމާއިމެދު ޝައްކެއްނެތެވެ.

ވީމާ، ޤާނޫނީ ގޮތުން ކުއްޖެއްގެ ބެލެނިވެރިކަމާއި ހަވާލުވުމަށް އޮންނަ ގޮތަށް ބަލާލަމާތޯއެވެ.

ފޮސްޓަރ ކުރުން

ޤާނޫނީ ބެލެނިވެރިކަމާއި ހަވާލުވުމަކީ ނުވަތަ ފޮސްޓަރކުރުމަކީ، ދައުލަތުގެ ބެލުމުގެދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެ ކުދިންގެ އާއިލާތަކާއި ހަވާލުކުރެވެން ނެތް ކުދިންނާއި، ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިންގެ ޤާނޫނީ ބެލެނިވެރިކަމާ އެކުދިން ބެލެހެއްޓުމާއި، ތަރުބިއްޔަތުކުރުމާއި އަދި ބަލައިބޮޑުކުރުމުގެ މަސްޢޫލިއްޔަތު އެހެން ފަރާތަކާއި ހަވާލުކުރުމެވެ.

މިގޮތުން ދައުލަތުގެ ބެލުމުގެދަށަށް ގެނެވޭ ކުދިންގެ ހާލަތު އަންގައިދޭ އެސެސްމަންޓަށް ރިޢާޔަތްކޮށް، ރީ-އިންޓަގްރޭޝަން ކޮމިޓީން ފޮސްޓަރކުރުމަށް ނިންމޭ ކުދިންގެ ތެރޭގައި، އެކުދިންގެ މައިންބަފައިން އެކުދިން ނުބަލާ ދޫކޮށްލާފައިވާ ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ނުވަތަ ދައުލަތުގެ ބެލުމުގެދަށަށް ގެނެވޭފަހުން، އެކުދިންގެ އާއިލާގެ ފަރާތުން އެކުދިންނާ ގުޅުމެއް ނުބާއްވާ ކުދިން ހިމެނެއެވެ. މީގެ އިތުރުން، އެކުދިން ގެންގުޅުމުގެ ޤާބިލުކަން އާއިލާގެ އެއްވެސް ފަރާތެއްގައި ނެތުމުގެ ސަބަބުންވެސް، އެކުދިންނާ ހަވާލުވުމަށް އުޛުރުވެރިވާ އާއިލާތަކުގެ ކުދިންވެސް، ފޮސްޓަރކުރެވޭނެ ކުދިންގެ ގޮތުގައި ނިންމިދާނެއެވެ.

ބެލެނިވެރިއަކަށްވުމަށް އެދި ހުށަހެޅުން

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދޭނަމަ، "ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމަށް އެދި ހުށަހަޅާ ފޯމް" މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުމުން، އެފަރާތްތަކުގެ ޝަރުތު ހަމަވާނަމަ، ރީ-އިންޓަގްރޭޝަން ކޮމިޓީން އެފަރާތްތަކާއިމެދު ގޮތެއް ނިންމާނެ އެވެ.

އެގޮތުން ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައިވެފައި، 25 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން ހިމެނެއެވެ. ހަމައެހެންމެ، އެފަރާތަކީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި މާލީގޮތުން ކުއްޖަކު ބެލެހެއްޓުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ. މީގެ އިތުރުން، ޖިނާޢީ މައްސަލައަކާއި ގުޅިގެން އެފަރާތުގެ އެއްވެސް ކުށުގެ ރިކޯޑެއް ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައި އޮތް ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. ހަމައެހެންމެ، ސާބިތު ދަރަނީގެ ނުވަތަ ސާބިތު ޚަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އޮތްފަރާތެއްކަމުގައި ވެގެންނުވާނެއެވެ.

ބެލެނިވެރިއަކު ހޮވުން

ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް ހުށަހެޅުމުން، އެހުށަހަޅާ ފަރާތުގެ ބެކްގްރައުންޑް ޗެކް ހެދުމަށްފަހު، އެމީހެއްގެ ޙާލަތު އަންގައިދޭނެ އެސެސްމަންޓް ރިޕޯޓެއް މިނިސްޓްރީން ހަދާ ރީ-އިންޓަގްރޭޝަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އެގޮތުން، އާއިލީގޮތުންނާއި މާލީގޮތުން ކުއްޖަކު ގެންގުޅުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރެވިފައިވާކަން ކަށަވަރުކުރުމަށްފަހު، އެފަރާތްތަކާއި އިންޓަރވިއުކުރެވި، ފޮސްޓަރކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަކީ ކޮބައިކަން ނިންމާނީ ރީ-އިންޓަގްރޭޝަން ކޮމިޓީންނެވެ.

ބެލެނިވެރިކަން ހަވާލުކުރުން

ދައުލަތުގެ ބެލުމުގެދަށަށް ގެނެވިފައިވާ ކުއްޖަކު ފޮސްޓަރކުރުމަށް ނިންމޭ ހިސާބުން، އެކުއްޖެއްގެ ބެލެނިވެރިކަން ހަވާލުކުރެވިގެންދަނީ ޤާނޫނީގޮތުން ދެގޮތަކަށްށެވެ. އެއީ ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމެވެ. ނުވަތަ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކުރާ ފަރާތަށް އެކުއްޖަކަށް 18 އަހަރު ވަންދެން ހަވާލުކުރުމެވެ. މިގޮތަށް އެކުއްޖަކު ހަވާލުކުރެވިގެންދާނީ، ފެމިލީ ކޯޓުން ނެރޭ ކޯޓު އަމުރެއްގެ މައްޗަށް ބިނާކޮށް، މިނިސްޓްރީއާއި ޤާނޫނީ ބެލެނިވެރިޔާއާއި ދެމެދު ވެވިގެންދާ، ކުއްޖާ ބެލެހެއްޓުމާއިބެހޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ނިންމުން

ދައުލަތުގެ ބެލުމުގެދަށަށް ނެގިފައިވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަމާއި ހަވާލުވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަވުމާއިއެކު، ކުއްޖަކު ފޮސްޓަރ ކުރާނަމަ، އެކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އަޅާލުމާއި ޙައްޤުތައް ކަށަވަރުވެ، ރަނގަޅު ތަރުބިއްޔަތެއްގެ މަތީ، އާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު އެކުދިންނަށް ލިބިގެންދާނެއެވެ.

ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355