އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ގދ. މާވަރުލު އެއާޕޯޓުގެ ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ.
ކުރިން މާޗް މަހު ދަތުރުތައް ފަށަން ހަމަޖެހިފައިވީ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް ފެށުން މާޗު 30 ވަނަ ދުވަހަށް ފަސްކުރި އެވެ.
ނަމަވެސް ކޮވިޑާއި ގުޅިގެން ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރުމާއި ގުޅިގެން އަނެއްކާވެސް ދަތުރުތައް ފެށުން ލަސް ވެގެންދިޔައީއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ޓެސްޓް ފްލައިޓް ޖައްސާ ނިމިފައިވާ މާވަރުލު އެއާޕޯޓުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެ ކަމަށެވެ.
ގދ. މާވަރުލުުގައި އެއާޕޯޓެއް ތަރައްގީކޮށްފަައިވާ އިރު އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ.
ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި އެންމެ ގިނަވެގެން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ