ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި މިހާތަނަށް 407 މުދައްރިސުންނަށް ތަމްރީނު ދެވިފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ނިމޭއިރު 11 ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމަކީ ކޮވިޑް-19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމް ފެށުން. މި ޕްރޮގްރާމްގައި މިހާތަނަށް 407 މުދައްރިސުންނަށް ވަނީ ތަމްރީން ދެވިފައި. އަދި ޕްރޮގްރާމް ނިމޭއިރު 11ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ. pic.twitter.com/WfsA53fjnS
— Ministry of Education (@MoEdumv) June 19, 2020
ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަަންނަ މަހު ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަަކަކަށް ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ. ނަމަވެސް މާލޭގައި ސްކޫލްތައް އަލުން ހުޅުވާނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީންދެއްވާ ބޭފުޅުންނެވެ.
ޓީޗަރުންނަކީ ދަރިވަރުންނަށް ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ޓީޗަރުން ހެދުމަކީވެސް ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.
އެގޮތުން ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ޓީޗަރުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށްވެސް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނެއެވެ.