twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުލުހުންގެ ބިލަށް އާންމުގެ ހިޔާލު ހޯދަނީ

Jun 21, 2020
1

ދިވެހި ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މި ބިލު ދިރާސާ ކުރަމުން ދަނީ މަޖިލީހުގައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ 241 ކޮމިޓީން ދިރާސާކުރާ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މެއިލުން ފޮނުވައި ދިނުމަށެވެ.

މި ބިލު ހުށައެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ލިއުމަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން މަޖިލީހުގެ އިތުރުން އަތޮޅުތެރޭގައިވެސް ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އޮންނަ ފުލުހުންގެ ގާނޫނަށް ވުރެ ބޮޑަށް ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، ކޮމިޝަނާ އޮފް ޕޮލިސް އާއި، ފުލުހުންގެ ޒިންމާތައް ވެސް ބިލުގައި މާ ބޮޑަށް ތަފުސީލުކޮށްދީފައިވެ އެވެ.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލުތަކެއް ވެސް ބިލުގައި ހިމެނެ އެވެ. އަދި ފުލުހުންގެ ހިދުމަތް ބަލައި، ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުމަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާައިރު، އެ ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ބިލުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355