ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މަނީ ލޯންޑްރިންގެ ތުހުމަތު، ހައިލަމަށް ކުރަނީ އޭނާއަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލާގަ އެވެ.
އެ ޓްރާންސެކްޝަން ހިނގާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.
އެ ތުހުމަތުގެ ތަހުގީގަށް ހައިލަމް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ. ހައިލަމްއާއެކު އަލްހާންގެ ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން އެކަން ޖޭއެސްސީއަށް ވެސް އަންގާފައިވެ އެވެ. ހައިލަމް، ގާޒީކަމުން ވަކިކުރި ޖޭއެސްސީއިން މި މައްސަލަ ދިޔައީ ބަލަމުންނެވެ.
މި ޓްރާންސެކްޝަންގެ މައުލޫމާތު އެމްއެމްއޭއިން ފުލުހަށް ހިއްސާކޮށްފައިވަނީ އެ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީއާ ފުލުހުން އެ މައުލޫމާތު ހިއްސާކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.