twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

Jun 22, 2020

ނިއު ނޯމަލްގައި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެޗްޕީއޭއިން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ދަމަހައްޓާފައި އޮތް ދެ މަސް ދުވަހުގެ ލޮކްޑައުން އަށް، ސަރުކާރުން ދޭ ލުއިތަކާ އެކު، ކެފޭ/ރެސްޓޯރަންޓުތައް އަންނަ މަހު އަލުން ހުޅުވި ނަމަވެސް، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާކަމަށް އުސޫލުގައި ވެ އެވެ. އެފަދަ ތަންތަނުގައި ޑަބްލިއުއެޗްއޯ ގެ '5 ކީސް ޓު ސޭފާ ފުޑް' ގައި ވާ ގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވެސް އެޗްޕީއޭ އިން އަންގާފައި ވެ އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި އަމަލުކުރަން ޖެހޭ އުސޫލު އެޗްޕީއޭއިން މިއަދު ވަނީ އާންމުކޮށްފަ އެވެ. ކާބޯތަކެތި އުފައްދާ ތަންތަނާއި ކެފޭ/ރެސްޓޯރެންޓުތަކުގެ އިތުރުން ކާބޯތަކެތި ރީޓެއިލްކުރާ ތަންތަނާއި މާރުކޭޓުތަކުގައި ވެސް އަމަލުކުރަން ޖެހޭނީ މި އުސޫލަށެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ދެމުން އަންނަ މި ލުއިތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދުން އަންނަ މަހު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

އުސޫލުުގައިވާ ގޮތުން، ކެފޭ/ރެސްޓޯރަންޓު ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަކު އަނެކަކާ މުއާމަލާތު ކުރާ ވަރު މަދުކުރުމަށްޓަކައި ވީހާ ވެސް މަދު މުވައްޒަފުން އެކި ގަޑިތަކަށް ބަހައިލަން ޖެހެ އެވެ. މަސައްކަތުގެ ވަގުތުގައި މުވައްޒަފުން ތިން ފޫޓު ދުރުގައި ތިބުން ވެސް ވަނީ މި އުސޫލުގައި ވަނީ ލާޒިމުކޮށްފަ އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން، ކާބޯތަކެތި ވިއްކާ ފިހާރަތަކަށް ގޭގެއިން ގެންދާ ތަކެތި ތަށިތައްޓަށް އަޅައި ވިއްކަން ބެހެއްޓުމުގެ ބަދަލުގައި، ހުންނަން ޖެހޭނީ ވަކިން ބަންދުކޮށް، ލޭބަލް ކުރުމުގެ ގައުމީ މިންގަޑުތަކާ އެއް ގޮތަށެވެ. އެ ތަކެތި ވަކިވަކިން ބަންދު ނުކުރެވޭ ނަމަ، ކަސްޓަމަރުންނަށް އެ އެއްޗެހި ނަގައިދޭނެ ޚާއްސަ މީހަކު ހުންނަން ޖެހެ އެވެ. އަދި އެ އެއްޗެހި ގެނައި ތަނެއް ކަސްޓަމަރަށް އެނގެން ވެސް ޖެހެ އެވެ.

މީގެ އިތުރުން ފިހާރަތަކުގައި މީހުން އާންމުކޮށް އަތްލައި އަދި ބޭނުން ކުރާނެ ތަކެތި ބަރާބަރަށް ސާފުކޮށް، ކިއުގައި ހުންނަން ޖެހޭނެ ދުރުމިން ވަކިން ފާހަގަ ކުރަން ވެސް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.

މާރުކޭޓުތަކުގައި ވެސް އަތްދޮވެވޭނެ އިންތިޒާމުތަކާއި ކޮންމެ ގޮޮޅިއެއްގައި ސެނިޓައިޒާއެއް ބެހެއްޓުމުގެ އިތުރަށް ތޮއްޖެހުން ކުޑަކޮށް، ތިން ފޫޓު ދުރުގައި ތިބެވޭނެ ގޮތަށް ކަންކަން ހަމަޖައްސަން ޖެހެ އެވެ.

އަދި ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު، ހުންނަން ވަނީ ކްލިން ފިލްމު ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި ކަމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ. ބަންދު ނުކުރާ ނަމަ ބަހައްޓަން ވާނީ ބަންދުކޮށްފައި ހުންނަ ބިއްލޫރި ޝެލްފެއްގަ އެވެ.

ބުފޭގެ ޚިދުމަތް ދޭ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް ކާ އެއްޗެހި އެޅުމުގެ ބަދަލުގައި ސާވް ކުރުމަށް ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުން ކަނޑައަޅާފައި ބޭތިއްބުން ލާޒިމެވެ. އެ މުވައްޒަފުން ތިބެން ޖެހޭނީ އަންގި ލައްވައި މާސްކު އަޅައިގެންނެވެ. ރަނގަޅަށް އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައި، އަތް ދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ޖެހޭނެ އެވެ.

އެފަދަ ކޮންމެ ތަނެއްގައި ސަލާމަތީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން މުވައްޒަފުންނާއި އެ ތަނަށް ދާ ކަސްޓަމަރުން އަމަލުކުރަން ޖެހޭ ގޮތް ވެސް ފެންނާނެހެން ހަރުކޮށްފައި ހުންނަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355