ރާއްޖޭގެ ޓޫރިޒަމް އަލުން ފަށަން ހަމަޖެހިފައިވާ ތާރީހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް އަލުން ހުޅުވައިލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެޗްޕީއޭގެ އިރުޝާދުތަކަށް ޓޫރިޒަމް މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެސް ހިމެނެ ކަމަށާއި މިއަދުގެ ވަގުތެއްގައި ރައީސް ގައުމާ މުހާތަބު ކުރައްވާ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީހެއް އިއުލާން ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވާލުމަށް ސަަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ސަަރުކާރުން ކުރިން ނިންމާފައި އޮތް ގޮތުން ޓޫރިޒަމް ހުޅުވާނީ އަންނަ މަހެވެ. ނަމަވެސް ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށްފަހު ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އަންދާޒާއަކީ 600،000 އާއި 700،000 ދެމެދުގެ އަދަދެކެވެ.