އެވިޑް ކޮލެޖުގެ ފެކަލްޓީއޮފް ރިސާރޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ވެބިނާރ ސީރީސް މިއަދު ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ވެބިނަރ އަމާޒު ކުރެވިފައިވަނީ ހެދިފައިވާ ޕީ.އެޗް.ޑީ ތީސިސް، މާސްޓަރސް ޑިޒަރޓޭޝަން އަދި އެހެނިހެން ދިރާސާ ޕްރޮޖެކްޓްތައް ބައިނަލް އަޤުވާމީ ގޮތުން ފުންނާބު އުސް ޕިއަރ ރިވިއުޑް ޖާނަލް ތަކުގައި ޝާއިޢު ކުރުމުގައި ލިޔަންޖެހޭ އުސޫލުތަކާއި އުކުޅުތައް އުނގަންނައި ދިނުމައްކަމަށާއި ވެބިނަރގެ ބައިވެރިންގެ ތެރޭގައި މުޅިންވެސް ހިމެނެނީ ރިސަރޗް ދާއިރާތަކުގެ ބޭފުޅުންނާއި މަތީތައުލީމު ހާސިލްކުރައްވަމުންގެންދަވާ ދަރިވަރުންނާއި ލެކްޗަރާއިންނާއި، ސްކޫލްތަކު މެނޭޖްމެންޓްގެ ބޭފުޅުންނާއި ޓްރެއިނަރސް ކަމުގައި އެވިޑް ކޮލެޖުން ބުންޔެވެ.
އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް ރިސަރޗްގެ ޑީން ނާހީދު ރަޝާދު ވިދާޅުވިގޮތުގައި ފަށައިގެން ކުރިއަށް ގެންދާ ވެބިނަރގައި ޕީ.އެޗް.ޑީ ހައްދަވަމުންގެންދަވާ 38 ފަރާތަކާއި މާސްޓަރސް ލެވެލްގައި މަތީ ތައުލީމު ހާސިލް ކުރާ 90 ފަރާތަކާއި ފުރަތަމަ ޑިގްރީއާއި އެނޫން ލެވެލްތަކުގެ 75 ފަރާތް ހިމެނޭކަމަށެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ 25 ފަަރާތް ހިމެނޭއިރު އެއީ އިންޑޮނިޝިއާ ، ސްރީލަންކާ ، އިންޑިއާ އަދި މެލޭޝިޔާ އިން ބައިވެރިވާ ފަރާތްތަކެވެ.
ވެބިނާރގައި ތަގުރީރު ކުރައްވަމުންގެންދަވަނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމުގައިވާ "ޔުނިވަރސިޓީ ސައިންސް މެލޭޝީއާ" ގެ ޕްރޮފެސަރ ޑޮކްޓަރ މުޙައްމަދު ކަމަރުލް ކަބިލާން އެވެ.
ޕްރޮފެސަރ ޑޮކްޓަރ ކަބިލާން އަކީ އިލްމީ ދިރާސާކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސްބޭފުޅެއް ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ. އެބޭފުޅާއަކީ މަޝްހޫރު ޖާރނަލްއެއް ކަމުގައިވާ "ބްރިޓިޝް ޖަރނަލް އޮފް އެޑިޔުކޭޝަނަލް ޓޭކްނޮލޮޖީ" ގެ އެޑިޓޯރިއަލްބޯޑުގެ މެމްބަރެއް ކަމުގަ އެވެ.
ޒޫމް ބޭނުންކޮށްގެން އޮންލައިންކޮށް ބޭއްވޭ މިވެބިނަރ ސީރީސްގައި ބައިވެރިންނަށް މަރްހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި ދެހާހަށްވުރެ ގިނަކުދިން އެވިޑް ކޮލެޖްގައި މަތީ ތަޢުލީމު ހާޞިލްކުރަމުން ގެންދެއެވެ.