twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޤާނޫނީ ކޮލަމް: ގޯއްޗެއް ހިބައިންދެވިދާނެތަ!

Jun 25, 2020

އޮންނަ ގާތްކަމެއްގެ ސަބަބުން ނުވަތަ ރަޙްމަތްތެރިކަމުގެ ސަބަބުން، 'އަހަރެން ކަލެއަށް މިވެނި ގެއެއް ހިބައިން ދީފިން' މީހަކު ބުނެފައި އޮވެދާނެއެވެ. ނުވަތަ 'މިގެއިން މިވެނި ބައެއް ކަލެއަށް ހިބައިން ލިބެނޭ' ކަމުގައި ބުނެފައި އޮވެދާނެއެވެ. މިގޮތުން ބުނެލާ ބަހަކަށް އިތުބާރުކޮށް، އެތަނަކީ އަމިއްލަ މީހާގެ މިލްކެއްކަމުގައި ދެކިގެންހުއްޓާ، އެހެންބަޔަކު އެގެއަށް އަތްގަދަކުރާތަން ފެނެއެވެ. ނުވަތަ ހިބައިން ދިންމީހާ ނިޔާވުމުން، ކޯޓުން އެގޭގެ ވެރިމީހާގެ ވާރިސުންނަށް އެގެ ބަހައި ރަޖިސްޓްރީ ކޮށްދެނީ، ލޯމަތީގައި ވާނުވާ ނޭނގި ހުއްޓައެވެ. ވީމާ ޤާނޫނު ޤަބޫލުކުރާ ގޮތުގެމަތިން، ހިބައިން ދެވޭނެގޮތަށް ބަލާލަމާތޯއެވެ؟

ހިބައިން ދިނުމަކީ ކޮބައިކަން

ހިބައިން ދިނުމަކީ، ދިރިހުރި މީހަކު ދިރިހުރި އެހެން މީހަކަށް އެއްވެސް ބަދަލެއްނެތި ނުވަތަ އެއްވެސް ކަމަކާއި މަތިކުރުމެއްނެތި، ހިތުން ރުހުމުން އެއްޗެއް ދިނުމެވެ. މިސާލަކަށް، އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް، މީހަކަށް ހިބައިން ދިނުން ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރެއެވެ.

ހިބައިން ދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް

ހިބައިން އެއްޗެއް ދޭއިރު، ޤާނޫނު ޤަބޫލުކުރާ އުސޫލެއްގެ މަތިން މި މަރުހަލާ ނިންމުމަށް ވަކި ޝަރުތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ހިބައިން ލިބޭފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، ހިބައިން ދޭފަރާތް ޝަރުޢީގޮތުން ބަލަންޖެހޭ ހުރިހާ ފަރާތްތަކަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި ހުރުމަކީވެސް، ހިބައިން ދިނުމުގައި ފުރިހަމަވާންޖެހޭ ޝަރުތެކެވެ.

ހިބައިންދެވޭނެ ފަރާތްތައް

ބަންޑާރަ ބިމެއް ނުވަތަ ބަންޑާރަ ބިމެއްގައިވާ އިމާރާތެއް، ނުވަތަ އަމިއްލަ ބިމެއް ނުވަތަ އަމިއްލަ ބިމެއްގައިވާ އިމާރާތެއް، ހިބައިން ދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

1. ހިބައިންދޭ މީހާގެ އަނބިމީހާ؛
2. ހިބައިންދޭ މިހާގެ ފިރިމީހާ؛
3. ހިބައިންދޭ މީހާގެ އުފަންދަރިއެއް؛
4. ހިބައިންދޭ މީހާގެ މަންމަ؛
5. ހިބައިންދޭ މީހާގެ ބައްޕަ؛
6. ހިބައިންދޭ މީހާގެ މަރުވެފައިވަ އުފަންދަރީގެ އުފަންދަރި؛ ނުވަތަ
7. މަތީގައި ބަޔާންވެގެންވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ ނުވަތަ އެއިން މީހަކު އިޢުތިރާޒް ނުކުރާނަމަ، ހިބައިންދޭމީހާގެ ބައްޕަފަރާތު ނުވަތަ މަންމަފަރާތު ތިމާގެ މީހެއް.

ހިބައިންދެވޭނީ ޝަރީޢަތުންކަން

ޤާނޫނު ޤަބޫލުކުރާގޮތަށް ހިބައިން ހަމައެކަނި ދެވޭނީ ކޯޓު މެދުވެރިކޮށެވެ. ވީމާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް، ނުވަތަ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ހިބައިންދެނީ ކަމުގައިބުނެ، ދެމީހަކު އެއްބަސްވެ އެގްރިމެންޓެއްގައި ސޮއިކުރި ކަމުގައިވިޔަސް، އަދި އެކަމުގެ މައްޗަށް ބަޔަކު ހެކިކުރި ކަމުގައިވިޔަސް، ކޯޓަށް ހުށަހަޅާ ކޯޓުން މިކަމާއިމެދު ގޮތެއް ނުނިންމާ ހިނދަކު، އެއީ ޤާނޫނީގޮތުން ބަލައިގަނެވޭނެ ހިބައެއް ކަމުގައިނުވާނެއެވެ.

ހިބައިން ގޯއްޗެއް ނުވަތަ އިމާރާތެއް ލިބިއްޖެކަމަށް ކޯޓުން ޙުކުމްކުރުމުން، ހިބައިން ލިބުނު މީހާގެ ނަމަށް އެއެއްޗެއް ނުވަތަ ތަން ރަޖިސްޓްރީ ކުރެވޭނެއެވެ. އެހިސާބުން ހިބައިންދީފައިވާ އެއްޗެއްގެ ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުވެގެންދާނެއެވެ. މުހިންމުކަމަކީ، މީހަކަށް ހިބައިން އެއްޗެއް ނުވަތަ ތަނެއް ދޭކަމުގައިވާނަމަ، ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމުން، ހިބައިންދިނުމުގެ މަރުޙަލާއަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދިޔުމެވެ. އަދި، އާންމުކޮށް ހިބައިން ދިނުމުގައި އުފެދޭ އޮޅުންތަކުންނާއި މައްސަލަތަކުން އެއްކިބާވުމަށް ފަސޭހަވެގެންދެއެވެ.

ނިންމުން

ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށް، ހިބައިން މުޢާމަލާތް ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ހަނދާނުގައި ބަހައްޓަންވީކަމަކީ، ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތްނޫން އެހެންގޮތަކަށް ހިބައިގެ މުޢާމަލާތް ނިންމައިފިނަމަ، އެއީ ޤާނޫނީގޮތުން ޤަބޫލުކުރެވޭ ޞައްޙަ ހިބައަކަށް ނުވެދާނެކަމެވެ.

އާޓިކަލް ލިޔުނީ: އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355