އަންނަ ޖުލައި މަހުގެ ނިޔަަލަށް އައިޑީކާޑު ގެއްލިފައި ވިޔަސް ނުވަތަ އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަންގައިފިއެވެ.
މީގެ ކުރިން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ވަނީ ޖޫން 30ގެ ނިޔަލަށް، އައިޑީ ކާޑު ނެތް ނަމަވެސް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގައިފައެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ.
ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ އެ އެންގުމުގެ މުއްދަތު ޖުލައި މަހުގެ 31 ދުވަހުގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ.
އެހެންކަމުން، އައިޑީކާޑު ނަމްބަރު ފެންނަ ލިޔުމެއް ދިނުމުން، އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދެވޭނެއެވެ.