ހދ ނެއްލައިދޫ ސްކޫލުން، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް މާސްކް ބަހަން ނިންމައިފި އެވެ. އެ ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން މިހާރު އަންނަނީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވަމުން އަންނަ ދަރިވަރުންނަށް މާސްކް ތައްޔާރުކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަންނަ މަހު 1 ވަނަ ދުވަހުން ފަށައިގެން ސްކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާލާއިރު ދަރިވަރުގެ ރައްކާތެރިކަމަށް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ޔުނީފޯމްގެ ބައެއްގެ ގޮތުގައި މާސްކް ހިމަނައި، ކޮންމެ ކުއްޖަކުވެސް ސްކޫލަށް ހާޒިރުވާން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ސްކޫލުތަކުގައި ދަރިވަރުންގެ ޓެމްޕަރޭޗާރ ބެލޭނެ ގޮތާއި އަތް ދޮވެވޭނެ ގޮތް ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ސްކޫލު ޔުނީފޯމްގެ ބަޔެއްގެ ގޮތުގައި މާސްކް ހިމެނުމުން ގިނަ ބެލެނިވެރިން އަވަސްވެގަތީ މާސްކް ފެހުމަށެވެ. ނަމަވެސް ނެއްލައިދޫ ސްކޫލުގެ ޕީޓީއޭގެ އިސްނެގުމުގެ މަތިން އެރަށު ސްކޫލުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް މާސްކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ނެއްލައިދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ސްކޫލުގެ ކޮންމެ ދަރިވަރަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މާސްކެއް ކަމަށާއި މާސްކް ތައްޔާރު ކުރުމަށް ހަރަދުކުރަނީވެސް ޕީޓީއޭއިން ކަމަށެވެ.
މި ވަގުތު 282 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އެ ސްކޫލުގައިވެސް ނިއުނޯމަލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަށް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އެ ގޮތުން ފުރަތަމަ ދަންފަޅި ފެށޭނީ ހެނދުނު 7:30 ގައި ކަމަށާއި ދެވަނަ ދަންފަޅި ފެށޭނީ 11:45 ގައި ކަމަށެވެ.
އަދި އެއްދަންފަޅީގެ ކިޔެވުން ނިންމާ އަނެއް ދަންފަޅި ފެށުމުގެ ކުރިން ކްލާސް ރޫމްތައް ޑިސްއިންފެކްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެއްލައިދޫ ސްކޫލު ޕްރިންސިޕަލް އިބްރާހިމް ނަސީމް ފާހަގަ ކުރެއްވި ގޮތުގައި ނިއު ނޯމަލްގައި ސްކޫލުތައް ކިޔަވައިދިނުމަށް ވަމުން އަންނަ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ ކަމަށާއި އެކަމަށްޓަކާ މިނިސްޓްރީއަށް އޭނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ.