ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މެމްބަރު މުހައްމަދު ނަޝީދު ހުށައެޅުވިމައްސަލައިގައި ވިދާޅުވެފައި ވަނީ ކުށުގެ ވެށިން މިކަމުގައި ޝާމިލްވި މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގް ނުކުރެވޭކަމަށް ބުނެއެވެ. އަދި މިކަމުގައި ފުލުހުންގެ މުވައްސަސާގެ އިހުމާލުވުން ބޮޑުކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި މިމައްސަލާގައި ސިޔާސީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒު އޮތުމާއިއެކު މިކަން މިނިވަން ކަމާއިއެކު ބެލުމަކީ ދުރުކަމެއްކަމަށްވެސް ނަޝީދުގެ މައްސަލާގައި ބުނެފައިއެވެ. މި މައްސަލައިގައި ޖިންސީ ގޯނާލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މި ފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ މިކަމުގައި ސަރުކާރާ ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
މަޖިލީހުގެ ސަމާލުކަމަށް ގެންނަން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަވޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަން ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަކީ އެ ގަރާރުގެ މަގުސަދު ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިމައްސަލައާގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނީ ދިވެހި ދެފިރިހެނުން ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މައުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.