twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިތުރު ހަ ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Jun 30, 2020

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ޖީން އެކްސްޕާޓް ކާޓްރިޖު ހަދިޔާ ކޮށްފި އެވެ.

ރޭ ޑަބްލިއުއެޗްއޯއާ ޔޫއެންޑީޕީ ގުޅިގެން ޖީން ކާޓްރިޖް ވަނީ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ކާޓްރިޖްތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބް ޑރ. އަރްވިންދް މާތުރްއެވެ. ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ޖީން އެކްސްޕާޓް މެޝިން ބަހައްޓާ އިތުރު ހަ ރަށަކީ، ށ. އަތޮޅު ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫ އަބްދުއްސަމަރު މެމޯރިއަލް ހޮސްޕިޓަލެވެ.

އެއާއެކު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އެވެ.

އަތޮޅުތަކުން ޓެސްޓު ކުރެވޭ ގޮތް ހަމަޖެހުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންގޮސް، ނަތީޖާ ލިބުން އަވަސް ވާނެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހެލްތް ހެލްތް މިނިސްޓަރު ވިދާޅުވީ، އަތޮޅު ތެރޭގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންދެވި ނަތީޖާ ލިބުން އަވަސް ވެގެންދާނެ ކަމަށެވެ. ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިއްމީ ބަލި ދެނެގަތުމަށް ޓެސްޓު ހެދުން ކަމަށާއި ޓެސްޓު ހެދުމުގެ ގާބިލްކަން އިތުރު ކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާ އިން އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.

ޔޫއެންޑީޕީގެ މަންދޫބު އަކީކޯ ފުޖީ ވިދާޅުވީ މިއީ އުފާވެރިކަން ގެނެސްދޭ ދުވަހެއް ކަމަށެވެ. ފުރާނަތައް ސަލާމަތްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 2336 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ހޯދަމުން އަންނަނީ 396 މީހުންނެވެ. 8 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355