ރާއްޖޭގެ މައި ޕޯޓް ހެދުމަށް ކ. ގުޅިފަޅުން ހިންގާ ބިމުގައި، މަދުވެގެން 6000 ހައުސިން ޔުނިޓު އަޅަން ބިން ކަނޑައަޅަން، ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގައި މިގޮތަށް ފާސްކޮފައިވަނީ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ގޮތަށެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ.
ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓަކީ ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރާ ބިން ކަމުގައި ހަމަޖައްސައި، އޭގެ ތެރެއިން ސޯޝަލް ހައުސިން އަށް މަދުވެގެން 6000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުމަށް ވަނީ ހިމަނައިފަ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށް ވާއިރު، ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ގޮތެއްގައި އޮތް ސަރަހައްދެއް ކަމަށެވެ.
އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ވަށަައިގެންވާ ތިމާވެއްޓަށް ގެއްލުންވާ މައްސަލަ ތިމާވެށި ކޮމިޓީން ބަލަން ފެށީ ޖޫން މަހުގެ ކުރީކޮޅު އެވެ.
އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ވަށަައިގެންވާ ތިމާވެއްޓަށް ގެއްލުންވާ މައްސަލަ ތިމާވެށި ކޮމިޓީން ބަލަން ފެށީ ޖޫން މަހުގެ ކުރީކޮޅު އެވެ.
ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެ އެވެ.
އެކަމުގެ ސަބަބުން ހަގީގީ އެންވަޔަރަމެންޓަލް ކޮސްޓް ބޮޑުވާނެ ކަމަށް ބެލެވިފައިވުމާ އެކު، މަޝްރޫއުގެ އެންވަޔަރަމެންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައި ކުރުމުގައި މަޝްރޫއުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި ކޮމިޓީއަށް ގަބޫލުކުރެވުނު ކަމެށެވެ.