އޭޝިއަން އިންފްރަސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) އިން ރާއްޖެ އަށް 7.3 މިލިއަން ޑޮލަރު ގެ އެހީއެއް ދީފި އެވެ.
މި ބޭންކުގައި ރާއްޖޭން ބައިވެރިވެފައިވަނީ 2015 ވަނަ އަހަރު އެވެ. ރާއްޖެއަކީ އެންމެ ފުރަތަމަ މެންބަރަކަށްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެ ބޭންކުގެ ވައިސް ޕްރެޒިޑެންޓް އިންވެސްޓްމަންޓް އޮޕަރޭޝަން އޭޖޭ ޕާންޑިއަން ވިދާޅުވި ގޮތުގައި އޭއައިބީގެ މި އެހީ ދޭން ނިންމާފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ދަށްވެފައިވާތީ އެހީތެރިވުމަށެވެ.
އޭއައިބީ އުފައްދާފައިވަނީ ޗައިނާ ސަރުކާރުގެ 30.34 ޕަސެންޓް ހިއްސާ ވެގެނެވެ. އަދި މި ބޭންކުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ހިއްސާއަކީ 15 ޕަސެންޓެވެ.
އޭޑީބީން ވެސް ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފަ އެވެ. އޭޑީބީގެ ލޯނުގެ ތެރެއިން 25 މިލިއަން ޑޮލަރު އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީން ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.