ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާކަމުގައިވާ ހދ. ނޭކުރަންދޫ ކަނޑޫފަހުގެ ގިނަ ގަސްތައް މަރުވެ އެ ގުދުރަތީ ވެށި ހަލާކުވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ނޭކުރެންދޫ ކަނޑޫފަލަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަގައިވާ ކަނޑޫފަލެވެ. އަދި އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ.
ނޭކުރަންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ ކަނޑޫފަލަކީ ހިމާޔަތް ކޮށްފަ އޮންނަ ސަރަހައްދެއް ކަމުން މީހުން އާންމުކޮށް ގޮސް އުޅޭ ސަރަހައްދެއް ނޫން ކަމަށެވެ. އެތަނުގެ ގަސްތައް މަރުވާކަން ފާހަގަ ކުރެވުނީ މިދިޔަ މަހު އެސަރަހައްދަށް ކަނޑޫ ހޮވަން އާންމުންގެ ބަޔަކު ގޮސް އުޅުމުގެ ތެރޭގައި އެވެ.
ރައީސް ވިދާޅުވީ މިހާރު ސޭވް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ) އާއި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގުޅިގެން ސާވޭއެއްވެސް ކުރަމުން އަންނަ ކަމަށެވެ.
ނޭކުރެންދޫ ބިޔަ ކަނޑޫފަލުގައި އާންމުކޮށް ހެދިފައި ހުންނަނީ ދެ ބާވަތެއްގެ ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަސް އަދި ތަކަފަތި ގަސް ކަމުގައި އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިންވެސް ހަލާކުވެ ނެތި ދަނީ ކާން ބޭނުންކުރާ ކަނޑޫ ގަސްތައް ކަމަށެވެ.
"ކާން ބޭނުންކުރާ ކަނޑޫ ގަސްތައް މަރުވަނީ. ފުދޭ ވަރަކަށް ބާރަށް އެބަދޭ މަރުވަމުން. ކަނޑޫ މަރުވާ ވަރަކަށް ބުރެވި ގަސް އެބަ ގިނަވޭ ވަރަށް، ކަނޑޫ ފަލެއް ކަމުން މީގެ ކުރިންވެސް ގަސް މަރުވެފަ އާ ގަސްތައް ހެދޭ." އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑޫފަލުގެ ތިންބައިކުޅަ ދެބައި ގަސްތައް މިހާރު މުޅިން މަރުވެފައިވާކަމަށެވެ. އެނާ އިތުރަށް ވިދާޅުވީ ކަނޑޫފާ ނެތިދާނެތީ އެކަން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ޓީމެއް ކަނޑޫފާ ބަލާލަން އައުމަށް ހަމަޖެހިފަވީނަމަވެސް ކޮވިޑް-19 ގެ ސަބަބުން އަދި އެ މިނިސްޓްރީގެ ޓީމަކަށް އެރަށަށް ނާދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މިއީ މި މައްސަލަ ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެ 40 ވަރަކަށް އަހަރު ކުރިން ވެސް އެ ކަނޑޫފަލަށް އެ މައްސަލަ ކުރިމަތިވި ކަމަށެވެ. އެފަހަރު އެކަން ހައްލު ކުރީ ސަރުކާރުގެ ކަމާބެހޭ ބަޔަކު އައިސް ބޭސް ޖަހައިގެން ކަމަށް ދުވަސްވީ މީހުން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ގަސްތައް ކެނޑުން މަނާކޮށް ކަނޑޫފާ ވަނީ 2018 ވަނަ އަހަރު ހިމާޔަތް ކޮށްފަ އެވެ.