twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިމްޕޯޓް އެކްޕޯޓް ގާނޫނަށް އިސްލާހުގެންނަ ބިލް މަޖިލީހަށް ބަލައިގަންނަ ފާސްކޮށްފި

ޚަދީޖާ އާދަމް
Jul 6, 2020

ރާއްޖެއަށް އެތެރެ ކުރާ މުދާތަކުން ނަގާ އިމްޕޯޓް ޑިއުޓީތަކަށް ބަދަލުތަކެއް ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ބިލު ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށާއި މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރައްވާނެ ކަމަށެވެ.

ބިލުގައި ވަނީ ސޮފްޓް ޑްރިންކްސްއާއި ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓް ބޮޑު ކުރުމަށެވެ. އަދި ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ނެގުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވެ އެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނުލީ ދުވާ އެއްޗެއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗެހީގެ އިތުރުން އެފަދަ ތަކެތީގެ ބައިތަކާއި އެފަދަ ތަކެތީގެ އިންޖީނު ވެސް ހިމެނެ އެވެ.

އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީންނާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހިމަނާފައިވެ އެވެ. ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމަށާއި ބޯޓު ފަހަރު ބަނެ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިން ސްޓްރަކްޗާތަކަށް ޑިއުޓީ ނެގުމަށް ވެސް ބިލުގައިވެ އެވެ.

މީގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ބޭނުން ކުރުމަށް ގެންނަ އެއްގަމު އުޅަނދު ފަހަރުތަކުން ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355